އަލިފާނުގެ ހާދިސާގައި މަރުވި އެކަކު އަދިވެސް ދެނެނުގަނެވޭ

އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި މ.ނިރުފެހީގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވިއިރު އޭގެ ތެރޭން އެކަކު އަދިވެސް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް 12:30 ހާއިރު ހިނގި އެހާދިސާގައި ގިނަ ބަޔަކަށް ވަނީ އަނިޔާ ވެސް ވެފައެވެ.
ފުލުހުން ބުނެފައި ވަނީ މަރުވި މީހުންގެ ތެރެއިން ހަށިގަނޑު މިހާތަނަށް ދެނެގަނެވިފައިވަނީ އިންޑިއާގެ ތިން އަންހެނަކާއި ހަމަ އެގައުމަށް ނިސްބަތްވާ ހަތަރު ފިރިހެނުންގެ އިތުރުން ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެއް ކަމަށެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން އެކަކުގެ ހަށިގަނޑަކީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައެއް ނުވެއެވެ. އަލިފާނުގެ ހާދިސާގެ ތަހުގީގް އެމްއެންޑީއެފް އިން ދަނީ ކުރަމުންނެވެ. މި ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު އަންނަނީ ކުރަމުންނެވެ.