
އައްޑޫ ސިޓީއިން އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރައީސް ޔާމީން އައްޑޫ ސިޓީ ގަމުގެ ވައިގެ ބަނދަރަށް ވަޑައިގެންނެވުމުން އެސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.
ރައީސް ޔާމީނަށް މަރުހަބާ ކިޔުމުގައި ޒުވާނުންނާއި، އަންހެން ކަނބަލުންގެ އިތުރުން ދޮށީ އުމުރުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ޔާމީން އައްޑޫ އަށް ކުރައްވާ ދަތުރުފުޅަކީ މިއަދުން ފެށިގެން މި މަހުގެ 9 އާ ހަމައަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ހުރިހާ ރަށަކަށް ވަޑައިގެން ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވާނެ އެވެ. އަދި ކޮންމެ ރަށެއްގައި ހާއްސަ ޖަލްސާއެއް ވެސް ބާއްވަން ހަމަޖެހިފައިވެ އެވެ.