
ކުޅުދުއްފުށީ ސިޓީގައި ރައީސް ޔާމީން އަޅުއްވައިދެއްވި އެއަރޕޯޓުގައި ރޭގަނޑު ފްލެއިޓް ޖެއްސޭގޮތަށް މި ސަރުކާރުން ބައްތި ހަރުނުކޮށް ކަނުއަނދިރީގައި އޮންނާތީ ވަކީލު އާޞިފް އިޙްތިޖާޖު ކޮށްފިއެވެ.
ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ މި ކަންބޮޑުވުމާއި ގުޅިގެން އިތުރު ތަފްޞީލް ދެއްވަމުން އާޞިފް ވިދާޅުވީ ކުޅުދުއްފުށީ ސިޓީގެ އެއާޕޯރޓް މި ޙާލަތަށް ދިއުމުން އެސިޓީގެ ރައްޔިތުން ދާންޖެހެނީ ބޮޑު ޚަރަދުކޮށްގެން ހަނިމާދޫއަށް ކަމަށެވެ.
ކުޅުދުއްފުށީ ސިޓީއިން ހަނިމާދޫއަށް ދިއުމަށް 3000 ރުފިޔާ ހޭދަކުރަން ޖެހޭއިރު، މިއީ އެ ސިޓީއިން ފްލައިޓްގައި މާލެ އައުމަށް ނަގަންޖެހޭ ދެކޮޅު ޓިކެޓަށްވުރެވެސް ބޮޑުއަދަދެއް ކަމުގައި އާޞިފް ވިދާޅުވިއެވެ.
މިއާއިއެކު އާޞިފް ވިދާޅުވީ އާރްޓީއެލްއަކީ ހައްލެއްނޫން ކަމަށާއި، ކުޅުދުއްފުށީ ސިޓީގައި ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ޝެޑިއުލް ފްލައިޓް ނޯންނައިރު، ހަފްތާގެ ހުރިހާ ދުވަހެއްގައިވެސް ރޭގަނޑުގެ ވަގުތުތަކުގައި ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓް ކަނު އަނދިރީގައި އޮތުމުގެ ސަބަބުން ބަލިމީހަކު އުފުލަން ޖެހުނަސް ބޮޑު ޚަރަދުކޮށްފައި ދާންޖެހެނީ ހަނިމާދޫއަށް ކަމަށެވެ.
އާޞިފް އިތުރަށް ވިދާޅުވީ ކުޅުދުއްފުށިން މާލެ އައުމަށް ޓިކެޓް ހޯދުމުގައިވެސް ދަތިތަކެއް ދިމާވާއިރު، ރައްޔިތުންގެ ޖީބަށް ލުއިވެފައި ފަސޭހަގޮތަކީ އެސިޓީއިން ރޭގަނޑާއި ދުވާލުވެސް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުން ކަމަށެވެ.
”ދެހަފްތާ ތިން ހަފްތާކުރިން އުޅެގެން ޓިކެޓް މިލިބެނީ. ޑިމާންޑްވެސް އެބައޮތް. ހަނިމާދޫ އަކީ ސޮލިއުޝަންއެއް ނޫން. ޗޮއިސް އެއްވެސް ނޫން“ އާޞިފްވިދާޅުވިއެވެ.
މީގެ އިތުރުން އާޞިފް ވިދާޅުވީ ކުޅުދުއްފުށީ ސިޓީ އެއާޕޯޓުން ރޭގަނޑު ދަތުރު ނުކުރެވޭގޮތަށް ހަދާފައިވަނީ ރައީސް ޔާމީން އެޅުއްވި އެއާޕޯޓެއް ވީމައި ކަމަށާއި މިސަރުކާރުގެ ފަސް އަހަރު މި ދަންމާލަނީ އެގޮތުގައި ކަމަށެވެ.
13 ހާސް މީހުންގެ އާބާދީއެއްއޮންނަ ކުޅުދުއްފުށީ ސިޓީ ރައްޔިތުންގެ އިތުރުން ކައިރި ރަށްރަށުގެ މީހުންނަށްވެސް ކުޅުދުއްފުށީ މަގުން މާލެ އައުމަށްފަސޭހަވެގެން ދާނެކަމަށް އާޞިފް ވިދާޅުވިއެވެ. އަދި ހަނިމާދޫ ބޮޑަށް ކައިރިވާނީ ހއ. ގެ ރަށްތަކާއި ކަމަށާއި، ހަނިމާދޫ އަކީ މިހާރު ގާތްގަނޑަކަށް އިންޑިއާގެ އަސްކަރީ އެއާޕޯޓެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާޞިފް އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން އެންމެބޮޑަށް ދަތިތަކާއި ކުރިމަތިލާންޖެހެނީ ކުޅުދުއްފުށީ ސިޓީގެ ނިކަމެތި ރައްޔިތުންނަށް ކަމަށެވެ.