އޮޓޮޕްސީ ނުވަތަ ޕޯސްޓްމޯޓަމް ހަދަން ނިންމުމުގެ ބާރު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ނޯންނާނެ ކަމަށް ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ.އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.
މިމަހުގެ 25 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ގދ.ހޯނޑެއްދޫ އަބްދުﷲ ރަޝީދު (މާޓީ)، 43 ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފަރުވާއަށް އާދޭސް ކުރުމުންވެސް އަޅާނުލާ އޭނާ މަރުވާން ގަސްތުގައި ދޫކޮށްލުމާ ގުޅިގެން މާޓީގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު ހަދާފައިވާ މައްސަލައިގައި ފައިރޫޝް ވިދާޅުވީ ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ގެނައި 3 ވަނަ އިސްލާހުގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ ތެރެއިން ޕޯސްޓްމޯޓަމް ހެދުމަށް ނިންމުމުގެ އިހުތިޔާރު ހަމައެކަނި ލިބެނީ ފުލުހުންގެ މައްޗަށް ކަމުގައެވެ. އަދި ޖިނާއީ އިޖުރާއާތަށް ގެނައި އިސްލާހުގެ ފަހުން ފުލުހުންގެ ގާނޫނު އުވާލުމަށްފަހު އަލަށް އަމަލު ކުރަން ފެށި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 97 ވަނަ މާއްދާގެ (ހ)ގެ ދަށުން އޮޓޮޕްސީއެއް ހެދުމުގެ ކުރިން ކޯޓު އަމުރެއް ހޯދުމަކީ ލާޒިމުކޮށްފައިވާ ކަމެއް ކަން ފައިރޫޝް ފާހަގަކުރެއްވިއެވެ.
There’s substantial ambiguity over @NIC_Maldives’ decision to conduct an autopsy (post-mortem examination) on AR. I believe that NIC lacks the authority to conduct autopsy, as the Third Amendment to Criminal Procedure Act enacted on 22 Sep 2020 grants this authority to the
— 1/3— Dr. Phairoosch (@Phairoosch) October 29, 2022
އޮޓޮޕްސީ ހަދަން އެންއައިސީއަށް ނިންމިދާނެކަމަށް އެ އިދާރާއިން ހުށަހަޅާ ސަބަބަކީ ފުލުހުންނާ ގުޅިގެން ތަހުގީގު ހިންގުންކަމަށް ވިޔަސް ފުލުހުންގެ އެއްވެސް ބާރެއް އެންއައިސީއަށް ލިބިނުގަނެވޭ ފަދައިން އޮޓޮޕްސީ ހެދުމުގެ ބާރުވެސް އެ ކޮމިޝަނަށް ނުލިބޭނެކަމަށް ފައިރޫޝް ވިދާޅުވިއެވެ.
އެންއައިސީއިން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލާގައި އިންސާފަށް ވާސިލުވުމަށް މުހިންމުވާތީ ތަހުގީގުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން މާޓީގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމުގައެވެ.
އެންއައިސީއިން މިހެން ބުންޏަސް މާޓީގެ އާއިލާއިން އަންނަނީ އޭނާގެ ހަށިގަނޑު އާއިލާއާއި ހަވާލު ކުރުމަށް ތަކުރާރުކޮށް އާދޭސް ކުރަމުންނެވެ. އާއިލާއިން ބުނާގޮތުގައި މާޓީގެ މެޔަށް ތަދެއް އަރައިގެން ރޮއި އާދޭސް ކުރަމުންދިޔައިރު، އޭނާ އަށް އެހީނުވެ، ފުލުހުންގެ އިހުމާލުން މާޓީ މަރުވުމުން ދެން އިތުރަށް އޭނާ މަރުވި ސަބަބާއި ގަޑި ހޯދުމުގެ ބޭނުމެއް ނެތް ކަމުގައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން މާޓީގެ ހަށިގަނޑު ބޭރަށް ފޮނުވަން ސަރުކާރުން ނިންމިޔަސް ޕޯސްޓް މޯޓަމް ފޯމުގައި ސޮއި ނުކުރާނެ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
މާޓީގެ ހަށިގަނޑު ހޯދަން އޭނާގެ އާއިލާއިން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލައިގެ އަޑު އެހުމެއް މިއަދު މެންދުރުފަހު 14:00 ގައި ސިވިލް ކޯޓުގައި އޮންނާނެ އެވެ. ބެލެވޭގޮތުގައި އެ މައްސަލަ ހިނގާނީ އަވަސް ނިޔާ ޝަރީއަތެއްގެ ގޮތުގައެވެ.
މާޓީ މަރުވިއިރު، އޭނާ ހުރީ ހޯނޑެއްދޫ ޕީޕީއެމް ސްޓިއަރިން ކޮމެޓީގެ ރައީސްގެ މަގާމުގައެވެ. އޭނާގެ އަނބިމީހާއާއި ދަރިން ތިބީ މާލޭގައެވެ.