ޚަބަރުސިޔާސީ

މޯޗަރީގައި ތިބި މާޓީގެ އާއިލާ މެންބަރުންނަށް ވަގަށް ރަށުގައި ހުރި ދޮން ބައްޕަގެ ސޮއި ހޯދަން އުޅެފި

ފުލުހުންގެ އިހުމާލުން މިމަހުގެ 25 ވަނަ ދުވަހު މަރުވި ގދ.ހޯނޑެއްދޫ އަބްދުﷲ ރަޝީދު (މާޓީ)، 43 ގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު ހަދާފައިވަނިކޮށް، މާޓީގެ ހަށިގަނޑު ނުދީގެން މޯޗަރީގައި ތިބި އޭނާގެ އާއިލާ އެންމެނަށް ވަގަށް ރަށުގައި ހުރި ދޮން ބައްޕަގެ ސޮއި ޕޯސްޓްމޯޓަމް ފޯމުގައި ކުރުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން މަސައްކަތް ކޮށްފިއެވެ.

”ބޮންތި“ އަށް މައުލޫމާތު ދެމުން މިވަގުތު މާލޭގައި ތިބި މާޓީގެ އާއިލާ މެންބަރުން ބުނީ މާޓީ ނޭވާ ހާސްވެ މެޔަށް ތަދެއް އަރައިގެން ފަރުވާއަށް އާދޭސް ކުރަމުން ދިޔައިރު އެއީ ޑްރާމާއެއް ކަމަށް ފުލުހުން ސިފަކޮށް އޭނާ މަރުވާން ދޫކޮށްލުމުން ދެން އިތުރަށް މަރުގެ ސަބަބު ހޯދަން ބޭނުން ނުވާ ކަމަށް ތަކުރާރުކޮށް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމުގައެވެ. އަދި އާއިލާގެ އެއްވެސް މީހަކު ގަބޫލު ނުވުމުން މިއަދުގެ ވަގުތެއްގައި މާޓީގެ ދޮންބައްޕަ ރަށުގައި ހުއްޓާ ގުޅައިގެން ޕޯސްޓްމޯޓަމް ހެދުމަށް ސޮއި ހޯދަން މަސައްކަތް ކޮށްފައިވާކަން އާއިލާއިން ވަނީ ހާމަކޮށްފައެވެ.

އެހެން ނަމަވެސް މާޓީގެ ދޮންބައްޕަގެ ސޮއި ނުލިބޭނެކަން މިހާރު އެންއައިސީއަށް އަންގާފައިވާނެކަމަށް އާއިލާއިން ބުންޏެވެ.

”މިދެން ކިހާ ވަރުގަދަ ކަމެއް. އަޅުގަނޑުގެ ކޮއްކޮގެ މަސްގަނޑު ދޭށޭ މިބުނަނީ މައްސަލަ ބަލާކަށް ބޭނުމެއް ނޫނޭ. މަންމަ ރޮއި އާދޭސްކޮށްފި. މާޓީގެ އަންހެނުން އެވަރަށް ބުނެފި. ބޭނުމީ ދަރިންނަށް އަވަހަށް މޫނު ދައްކާފަ މާޓީ ވަޅުލަން. މިއީ ކޮންފަދަ އަނިޔާވެރި ބައެއް.“ މާޓީގެ ބޮޑުބޭބެ ”ބޮންތި“ އަށް ކިޔައިިދިނެވެ.

މާޓީގެ ތަހުގީގު ކުރިޔަށް ގެންދަނީ އެންއައިސީ އިން ކަމަށްވާއިރު، އެ ކޮމިޝަނުން ވަނީ އޭނާގެ އޮޓޮޕްސީ ހެދުމަށް ނިންމާފައެވެ. އޭނާގެ ހަށިގަނޑު މިވަގުތު އޮތީ މޯޗަރީގައެވެ. އަދި މާޓީގެ ހަށިގަނޑު ހޯދުމަށް އާއިލާއިން ވަނީ ސިވިލް ކޯޓާށް މައްސަލައެއްވެސް ހުށަހަޅާފައެވެ. އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު 14:00 ގައި ކުރިޔަށް ދިޔައެވެ. އެ މައްސަލައިގެ ތެރެއަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް ވަނީ ތަދައްހުލްވެ މާޓީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ޖެހޭ ކަމަށް ބުނެފައެވެ.

މާޓީގެ އޮޓޮޕްސީ ހެދުމުގެ ގާނޫނީ ބާރު ފުލުހުންނަށް އޮންނައިރު، އެންއައިސީއިން ނިންމި ނިންމުމަކީ ގާނޫނާ ހިލާފް ނިންމުމެއް ކަމުގައި ކުރީގެ އޭސީޕީ އަބްދުﷲ ފައިރޫޝް ވެސް ވަނީ ވިދާޅުވެފައެވެ.

މާޓީގެ މަރުގެ މައްސަލައިގެ ތަހުގީގު އިންސާފުވެރިކަމާއެކު ގެންދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އަންގަވާފައެވެ.

 

4 Comments

  1. ބަލަގަ ގަސްދުގަ މަރާލާފަ ދެންކޮން ތަހުގީގެއްތޯ ހިންގަނީ ޕީޕީ ޢެމްމީހަކައްވީތީ ކުރާތިއަނިޔާވަތައްހިތިވާނެ އަހަރުމެން ބޭނުމެއްނޫން މިސަރުކާރުން ތަހުގީގެ ހިންގާކަށެ ’ަހަރުމެން އަމިއްލަޔައް އިންސާފު ހޯދާނީ އިންޝާﷲ އެތަންފެންނާނެއަނިޔާވެރިންނައް

  2. މޯޗަރީގައި ތިބި މާޓީގެ އާއިލާ މެންބަރުންނަށް ވަގަށް ރަށުގައި ހުރި ދޮން ބައްޕަގެ ސޮއި ހޯދަން އުޅެފި
    މާޓީގެ ޢާއިލާ ތިބީ މޯޗަރީގައިބާ؟ ނުވަތަ މޯޗަރީގައި އޮތީ މާޓީބާ؟ ޚަބަރުތައް ޝާއިޢު ކުރާ އިރު މިކަހަލަ ކުށް ފިލުވާލުމުން ނޫހުގެ ޝައުގު ވެރިކަން އިތުރުވާނެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button