ޚަބަރުސިޔާސީ

ގައުމިއްޔަތެއް ދިރުވައި އާލާކުރުމުގެ ހަކަތައަކީ، އެބައެއްގެ މެދުގައި އޮންނަ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން: ރައީސް

ޤައުމިއްޔަތެއް ދިރުވައި އާލާކުރުމުގެ ހަކަތައަކީ، އެބައެއްގެ މެދުގައި އޮންނަ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުންކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ލާމެހިފައިވާ ދުނިޔެއެއްގައި ދިރިއުޅެމުންދާއިރު އެހެން ޤައުމުތަކާއެކު ހަރުދަނާ ބަދަހި ގުޅުމެއް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެމޭރުމުން ވާހަކަފުޅު ދައްކަވަމުން، މިއީ ޤައުމިއްޔަތު ދިފާއުކުރުމުގައި އެހާމެ ބޭނުންތެރިކަމެއްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޤައުމިއްޔަތުގެ ރޫޙު އާލާކޮށް ޤައުމުގެ ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމުގައި ވަކިވަކި ފަރުދުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި ކޮންމެ މީހަކީވެސް ފަރުދުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި، މުޖްތަމަޢުގެ މަޞްލަޙަތަށް އިސްކަންދޭ މީހަކަށް ވުމަށް އިލްތިމާސް ކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިރޭގެ ޙަފްލާފަދަ މިފަދަ ކޮންމެ ޙަފްލާއަކީވެސް ޤައުމިއްޔަތަށް ހުރި ގޮންޖެހުންތަކާއި ހުރަސްތަކާމެދު ވިސްނައި އަދި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ކުރަންޖެހޭ ކަންކަމާމެދު ވިސްނުން ހިންގެވުމަށް މުހިންމު ފުރުޞަތެއްކަން ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އިސްތިޢުމާރީ އަޅުވެތިކަމުން، ރާއްޖެ ސަލާމަތްކުރުމާއި ރާއްޖޭގެ މިނިވަންކަމާއި ޤައުމިއްޔަތު ހިމާޔަތްކޮށްދެއްވުމަށް އުތީމު ތިން ބެއިންނާއި ދެހާޖީންނާއި ދަންޑަހެލު ކުރި ޤައުމީ ޖިހާދުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވައިފައެވެ. އަދި، ބޮޑުތަކުރުފާނުގެ ޖިހާދު ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމިއްޔަތަށް މިއަދު ޙަމަލާތައް ކުރިމަތިވަނީ ކަނޑިބަޑިއާއި ސިލޭހައިގެ ބަދަލުގައި ވިސްނުމާއި ފިކުރަށް ކަމުގައެވެ. އެހެންކަމުން މި ފިކުރީ ހަނގުރާމައިން ދިފާޢުވެ، ޤައުމިއްޔަތު ދިރުވުމަށްޓަކައި އެންމެންގެ ހިތްތަކުގައި ޤައުމީ ލޯބި އުފެއްދުމަށް މަސައްކަތް ކުރަންޖެހޭކަމާއި އަދި ޅަދަރިންގެ ހިތްތަކުގައި ޤައުމީ ލޯބި އުފެއްދުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ މިރޭގެ ޖަލްސާގައި ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށާއި މި ޖަލްސާގައި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުނު، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެފައެވެ.

ރޭގެ ޖަލްސާގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސްގެ ނައިބު ފައިޞަލް ނަސީމާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާގެ އިތުރުން ކުރީގެ ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ ދެކަނބަލުންގެ އިތުރުން ވަޒީރުންނާއި ދަޢުލަތުގެ ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button