ޚަބަރު

ގަލޮޅު ރައްޔިތުންގެ މަޝްވަރާ ބައްދަލުވުން އަންގާރަ ދުވަހު ބޭއްވުމަށް ސިޓީ ކައުންސިލުން ނިންމައިފި

މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ތަރައްޤީކުރާ ޕާކާއިގުޅޭގޮތުން ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރަން ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 72 ވަނަ ޖަލްސާގައެވެ. އިއްޔެގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު މުޢިއްޒު ވިދާޅުވީ މި ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ މޫސުންތަންދޭނަމަ 25 އޮކްޓޯބަރު ވާ އަންގާރަދުވަހުގެރޭ ކަމަށެވެ. އަދި މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ޞަލާޙުއްދީން މިސްކިތް ކައިރީގައި ތަރައްޤީކުރުމަށް ނިންމާފައިވާ ޕާރކް ހިމެނޭ ސަރަޙައްދުގައި ކަމަށާއި، މި ބައްދަލުވުމަށް ގަލޮޅުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އެރުވޭނެ ކަމުގައި މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވަނީ ގަލޮޅު ތަމްސީލްކުރައްވާ ކައުންސިލަރުން މިކަމުގައި މަސައްކަތްކޮށްދެއްވާ މި ބައްދަލުވުމަކީ ގަލޮޅުގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލެވިގެން ބޭއްވޭ ބައްދަލުވުމަކަށް ހައްދަވައިދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

މާލެ ސިޓީ ކައުންސިލުން ގަލޮޅުގެ ރައްޔިތުން ބައްދަލު ކުރުމަށް ނިންމާފައި މިވަނީ ގަލޮޅު ޞަލާޙުއްދީން މިސްކިތް ކައިރީގައިވާ ޕާރކްގެ 3ޑީ ރެންޑަރިންގް ޕްރެސެންޓޭޝަން އާއި ކޮންސެޕްޓް ޑިޒައިންއާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ.

ގަލޮޅު ޞަލާޙުއްދީން މިސްކިތް ކައިރީގައިވާ ޕާރކްގެ 3ޑީ ރެންޑަރިންގ ޕްރެސެންޓޭޝަން އާއި ކޮންސެޕްޓް ޑިޒައިންއާއިއެކު ރައްޔިތުންގެ ބައްދަލުވުމެއް ބޭއްވުމަށްފަހުގައި މިކަން ކުރިއަށް ގެންދިއުމަށް އިއްޔެގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް ކައުންސިލް މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

ގަލޮޅުގައި ތަރައްގީކުރުމަށް ނިންމާފައިވާ ޕާރކްގެ ކުރެހުމެއް

މާލެ ސިޓީ ކައުންސިލުން ތަރައްގީ ކުރާ ޕާކަކީ އެބިމުގައި ހުރި ބޮޑެތި ގަސްތަކަށް ގެއްލުން ނުލިބޭ ގޮތަށް ތަރައްގީ ކުރާނެ ޕާކެކެވެ. އެ ޕާކުގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ތަރައްޤީ ކުރާ ”ޕްލޭ އޭރިއާ“ގައި އެންމެ ތުއްތު ކުދިންނަށް ޚާއްޞަ ބަޔަކާއި ކުޑަކުދިންނަށް ޚާއްޞަ ބައެއް އެކުލެވިގެންވާނެއެވެ. އަދި މި ދެބައިގައި ބަހައްޓާ ކުޅޭ ތަކެތި ހުންނާނީ ”ޓްރީ ހައުސް ތީމް“ އަށެވެ.

މީގެ އިތުރުން ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ހިތްހަމަޖައްސާލާނެ ފުރުސަތެއް ތަނަވަސްކޮށް ދިނުމުގެ ގޮތުން، ފުރޮޅުލީ ގޮނޑިއާއެކު އެރޭނެ ފަދަ އުނދޯއްޔެއް ބަހައްޓާފައިވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button