ރިޕޯޓް

ޖޫރިމަނާ ފައިސާއާއެކު ދުނިޔެ ވަށާ ބުރެއް!

ކޮންމެ ސަރުކާރެއްގެ އިސްވެރިންވެސް ދަތުރުކުރައްވައެވެ. އެހެން ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި، އިސްވެރިންނާއި ބައްދަލުކުރައްވާ ގުޅުން ބަދަހިކުރައްވައެވެ. އަދި އަނބުރާ ގައުމަށް ވަޑައިންނަވަނީ އެ ގައުމެއްގެ ރައްޔިތުންނަށް މަންފާތަކެއް ކުރާނެ ބޮޑެތި މަޝްރޫތަކުގެ އެއްބަސްވުން ތަކުގައި ސޮއި ކުރައްވާފައެވެ. 

މިހާރުގެ ސަރުކާރުގެ އިސްވެރިން، އަދި އިސްވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހް އަކީ ވެސް ދަތުރުކުރުމަށް ލޯބި ކުރައްވާ ބޭފުޅެއްކަން އެމަނިކުފާނު ވަނީ ރާއްޖެޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި ހާމަކުރައްވާފައެވެ. މިހެންކަމުން، މިހާރުގެ އެމްޑީޕީގެ ސަރުކާރުގެ އިސްވެރިން ބައިނަލްއަގްވާމީ އެތަކެއް ގައުމުތަކަށް ދަތުރުކުރައްވާފައިވީ އިރު، އެ ދަތުރު ތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބުނު ފައިދާ ނުވަތަ ސޮއި ކުރެވުނު ފަހުމުނާމާތަކެއްވޭތޯ ސުވާލު އުފެދެއެވެ.

ރައީސް ސޯލިހުގެ ދަތުރުފުޅުތަކަށް ބަލާއިރު، އެންމެ ފަހުން ރައީސްގެ ދެ ކަނބަލުން ބަހްރައިންއަށް ކުރެއްވި ދަތުރުފުޅު ފާހަގަކޮށްލެވެއެވެ. މި ދަތުރުފުޅުގައި ބަހްރައިންގެ ޝާހީ ގަނޑުވަރު، ގުލައިބިއްޔާއިން، އެދެކަނބަލުންނަށް މަރުހަބާ ވިދާޅުވެފައިވަނީ، ބަހްރައިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ހަލީފާއެވެ. މި ދަތުރުފުޅުގައި އެ މަނިކުފާނު 4 އެއްބަސްވުމެއްގައި ސޮއި ކުރައްވާފައިވެއެވެ. މީގެ އިތުރަށް މި ދަތުރުފުޅުގައި ކުރެއްވި ކަންކަމަށް ބަލާއިރު، ބަހްރައިންގެ ގައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރުމާއި، ބައިތުލް ގުރުއާން ފެސިލިޓީއަށް ޒިޔާރަތް ކުރުމާއި، އިންސްޓިޓިއުޓް ފޮ ޕާސަނަލް އެންޑް ޖެމްސްޓޯން، އަދ ކިންގް ހަމަދް ޔުނިވާސިޓީ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާފައިވެއެވެ. މިހެންކަމުން، މި އެއްބަސްވުންތަކުގައި ސޮއި ކުރުން ފިޔަވާ އިތުރުކަމެއް ދިވެހި ރައްޔިތުންނަށް މި ދަތުރު ފުޅުން ކުރެވުނު ތޯ އާއި މެދު ސުވާލު އުފެދެއެވެ.

ބަހްރެއިންގެ ރަސްމީ ދަތުރުފުޅުގެ ކުރިން ކުއީން އެލިޒަބެތް ނިޔާވުމާއި ގުޅިގެން އިނގިރޭސިވިލާތަށް ރައީސްގެ ދެކަނބަލުން ވަޑައިންނަވާފަވެއެވެ. މި ދަތުރުފުޅަށް މިލިއަނެއްވެސް ހަރަދު ނުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެފައިވާއިރު، ފިނޭންސް މިނިސްޓްރީއިން ހަފްތާއަކު އެއްފަހަރު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މި އަހަރު ފެށިގެން މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ހަމައެކަނި ދަތުރުތަކަށް 168.3 މިލިއަން ހަރަދުކޮށްފައިވެއެވެ. އަދި އޭގެ ކުރިއާއި އަޅާ ބަލާއިރު މިއީ ހަފްތާއެއްގެ ތެރޭގައި 9 މިލިއަން ރުފިޔާގެ ހޭދަކުރުމެކެވެ. މި ހުރިހާ ފައިސާއެއް ހަރަދުކޮށްފައިވަނީ ކޮން ބޭނުމަކަށްތޯ އާއި މެދުގައި ސުވާލުއުފެދެއެވެ. އަދި ދާދި ފަހުން ރައީސް ސޯލިހް ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ.

ސަރުކާރުގެ އިސްވެރިންގެ ދަތުރުތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ދަތުރުފުޅުތަކަށް ދައުލަތުން 1.2 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހަރަދުވެފައިވާކަން ވަނީ ހާމަވެފައެވެ. މިގޮތުން، އެމަނިކުފާނު، ކުރެއްވި ދަތުރުފުޅުތަކުގެތެރެއިން އެންމެ ބޮޑު ހަރަދެއް ކުރައްވާފައިވަނީ އިނގިރޭސި ވިލާތުގެ ގްލާސްގޯގައި އޮތް ކޮޕް26 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށެވެ. 31 އޮކްޓޫބަރު 2021 ގައި ފުރާވަޑައިގެން ކުރެއްވި 12 ދުވަހުގެ މި ދަތުރުފުޅަށް ޖުމްލަ 401,609.88 ހަރަދުކުރައްވާފައިވާއިރު، މިއީ އެމަނިކުފާނު ކުރެއްވި އެންމެ ދިގު ރަސްމީ ދަތުރުފުޅުވެސްމެއެވެ. އެގޮތުން ދަތުރުގެ ޓިކެޓަށް އެކަނިވެސް 209,002.68 ދިވެހި ރުފިޔާ ހަރަދުވިއެވެ. އަދި ކެއުމަށާއި ހުރުމަށް 101,876.00 ރުފިޔާގެ އިތުރުން، ޕޮކެޓް މަނީގެ ގޮތުގައި ދިން 5,088.60 ރުފިޔާ އަދިއިތުރު ހަރަދުގެ“ ގޮތުގައި ހަރަދުވި 85,642.60 ރުފިޔާ ހިމެނެއެވެ. ރައީސް ނަޝީދު ދެން އެންމެ ބޮޑު ހަރަދެއް ކުރައްވާފައި ވަޑައިގެންފައިވަނީ ސީޝެލްސް އަށެވެ.

މުޅިއެކު 12 ރަސްމީ ދަތުރުފުޅުތަކުގައި ރައީސް ނަޝީދު ވަނީ ޖުމްލަ 47 ދުވަސް ގައުމުން ބޭރުގައި ހޭދަ ކުރައްވާފައެވެ. އަދި އެމަނިކުފާނު ކުރެއްވި ގިނަ ދަތުރުފުޅުތައް އިންޑިއާއަށް ކޮށްފައިވާއިރު، އެ ގައުމުގައި އެކަނިވެސް 14 ދުވަސް ހޭދަކުރައްވާފައި ވެއެވެ.

މީގެ އިތުރުން، ފޮރިން މިނިސްޓްރީން 1 އަހަރުގެ ދަތުރުތަކަށް 22 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަންވެސް ވަނީ ހާމަވެފައެވެ. މިކަން ހާމަވެފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ފޮރިން މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުންނެވެ. އެ ރިޕޯޓުގައިވާގޮތުން އެ އަހަރު މިނިސްޓްރީން ވަނީ ދަތުރުފަތުރަށް 22.8 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެއީ އެ އަހަރު ދަތުރުތަކަށް ފާސްކުރި 5 މިލިއަން ރުފިޔާއަށްވުރެ 17 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. 2019 ވަނަ އަހަރު ފޮރިން މިނިސްޓަރު އަބްދު ޝާހިދު އެކަނިވެސް 19 ދަތުރު ބޭރު ގައުމުތަކަށް ކުރެއްވިއެވެ. އަދި މިނިސްޓަރު ޝާހިދުގެ ޓިކެޓުތަކަށް އެކަނި 3 މިލިއަން ރުފިޔާ ހަރަދުވިއެވެ.

ކޮވިޑު-19 އާއި ގުޅިގެން ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައި ވިޔަސް، ދައުލަތުގެ އިސްވެރިން ދަނީ އެކި ނަންނަމުގައި ގައުމުން ބޭރަށް ދަތުރު ކުރައްވަމުންނެވެ. މި ހިނގާ 2022 ވަނަ އަހަރު ނިމޭއިރު މިއަހަރުގެ ބަޖެޓު ދަރަނި 14.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާއިރު، ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސަރުކާރުގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނުގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ ނިޔަލަށް ބަޖެޓު ދަރަނި 14.7 ބިލިއަނަށް އަރާނެއެވެ. މިއަހަރުގެ ބަޖެޓު ފާސްކުރިއިރު ސަރުކާރުން ލަފާކޮށްފައިވަނީ ބަޖެޓު ދަރަނި ހުންނާނީ 9.8 ބިލިއަން ރުފިޔާގައި ކަމަށެވެ. އެހެން ކަމުން މިއީ ލަފާކުރިވަރަށްވުރެ 4.9 ބިލިއަން ރުފިޔާ އިތުރުވުމެކެވެ.

އިގްތިސާދީ ގޮތުން މުޅި ދުނިޔެވެސް ދަތި އުނދަގޫ ދުވަސްތަކެއް ތަހައްމަލު ކުރަމުން ދާއިރު، ދިވެހި ސަރުކާރުން ހަރަދު ކުޑަކުރުމަށް މާބޮޑު މަސައްކަތެއް ނުކުރެއެވެ. ހަރަދު ފޫބެއްދުމުގު ގޮތުން މި ސަރުކާރުން ހަރަދުތައް ކުޑަކުރުމުގެ ބަދަލުގައި ވިސްނާފައިވަނި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމަށާއި، ޖޫރިމަނާ ކުރުން އިތުރުކުރުމަށެވެ. މިހާރުވެސް ރައްޔިތުންގެ މަޖިލީހަށް ޖީއެސްޓީ ބޮޑުކުރަން ނިންމައި ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅާފައިވެއެވެ. އެއީ. 8% އަށް ޖީއެސްޓީ އިތުރުކުރުމަށާއި، ޓީ ޖީއެސްޓީ 16% އަށް މަތިކުރުމަށެވެ. ތަކެތީގެ އަގު ބޮޑުވަމުންދާއިރު، މިއީ ”ބެސްޓް އޮޕްޝަން“ ތޯ އާއި މެދު ސުވާލު އުފެދެއެވެ.

ޖޫރިމަނާއަށް ބަލާއިރު، ޖޫރިމަނާގެ ގޮތުގައި 196 މިލިއަން ރުފިޔާގެ އާމްދަނީ ސަރުކާރަށް ރައްޔިތުންގެ ޖީބުން ލިބިފައިވާކަންވެސް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ސޯލިހުގެ ރިޔާސީ ވައުދާއި ހިލާފަށްކޮށްފައިވާ އަމަލެކެވެ. އެއީ ރައީސް ސޯލިހު ވަޑައިގަތުމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފައިވަނީ ޖޫރިމަނާ ކޮށްގެން އާމްދަނީ ހޯދުން ހުއްޓައިލައްވާނެ ކަމަށާއި އަދި ޕާކުކުރާނެ ތަނެއް ނުދައްކައި ޕާކިން ޖޫރިމަނާ ނުނަންގަވާނެ ކަމުގައެވެ. 

ސުވާލަކީ ސަރުކާރުގެ އިސްވެރިން މުޅި ދުނިޔެވަށާ ބުރު ޖައްސަވަނީ ރައްޔިތުންގެ ފައިސާއިން ހެއްޔެވެ؟ އާނއެކެވެ. ރޯމާ ދުވާލު މަސައްކަތްކޮށްގެން ރައްޔިތު މީހާއަށް ލިބޭ މަދު ފައިސާކޮޅު އަތުލައިގެން ތި ޖައްސަވަނީ ދުނިޔެވަށާ ބުރެއް ނޫންތޯއެވެ. ތަރުޖަމާނު މިއުވާން، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގައުމުތަކަށް ވަޑައިގެން، އެދަތުރުފުޅުތަކުން ނަތީޖާ ނުފެނެއޭ ބުނުމަކީ މަޖާޒީ ޖޯކެއް ނޫންތޯއެވެ. ޗައިނާއިން ބްރިޖް ގެނެސްދީ އަދި 7000 ފްލެޓް އަޅައިދީ ސައުދީއިން ކިންގް ސަލްމާން މިސްކިތް، މެލޭޝިޔާއިން 90 ދުވަހުގެ އޮން އެރައިވަލް ވިސާ، ޔޫއޭއީން މާފަރު އެއާރޕޯޓުގެ ޕްރޮޖެކްޓާއި އޮންއެރައިވަލް ވިސާ، ތައިލޭންޑުން ކްރޮސް ރޯޑްސް ޕްރޮޖެކްޓް ރައީސް ޔާމީން ގެނެސްދެއްވިއެވެ. މިހެން ގޮސް އެތަކެއް ކަންތައްތަކެއް އެމަނިކުފާނުގެ ދަތުރުފުޅުތަކުން ކޮށްފައިވާއިރު، މިއުވާން އެގޮތަށް ވިދާޅުވުމުން، އެބޭފުޅާއެވީ ބޭޒާރެއްނޫންތޯއެވެ. ރައްޔިތުމީހާގެ ޖީބުން ފައިސާ އަތުލުން ފިޔަވާ އިތުރުކަމެއް މިސަރުކާރަށް ކުރެވިއްޖެ ހެއްޔެވެ؟ އެހެންގޮތަކަށް ބުނާނަމަ، މިއީ ބަހުން މެޓާ، ކަމުން ރެކޭ ސަރުކާރެކެވެ. 

2 Comments

  1. ގައުމުތަކަށް ދަތުރުކުރުމުގާ މިސަރުކާރުވަރެ ްްހަމަނޯންނާެެ އެކަމަކުމިއޮންގައުމުބަޑަށްޖެހެނީ އެއްޗެހިގެއަގުބޮޑުކަމުންމިހާރު އެހެންގައުމަކަންހިޖުރަކުރަށްމިހާރު މަޖުބޫރުވެއްޖެ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button