ޚަބަރު

މިވަގުތު ރިޒާވްގައި ހުރީ އެންމެ މަހަކަށް ރާއްޖެއަށް ބޭނުންވާ ތަކެތި އެތެރެކުރެވޭހާ ފައިސާ

އިމްޕޯޓް ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ ރިޒާވް މިދިޔަ ފަސް އަހަރުގެ ތެރޭގައި ދަށަށް ނުދާ ވަރަށް ދަށަށް ގޮސްފައިވާކަމަށް ވޯލްޑް ބޭންކުން ނެރުނު’ މޯލްޑިވްސް ޑިވަލޮޕްމަންޓް އަޕްޑޭޓް‘ ރިޕޯޓްގައި ބުނެފިއެވެ.

އެގޮތުން ޖުމްލަ ރިޒާވްގައި ހުރީ 728 މިލިއަން ޑޮލަރު ކަމަށާއި  ދައްކަން ޖެހޭ ދަރަނި 446 މިލިއަން ޑޮލަރަށް އަރައި ޔޫސަބަލް ރިޒާވް ވަރަށް ބޮޑަށް ދަށްވެ ޔޫސަބަލް ރިޒާވް ވަނީ 413 މިލިއަނުން 282 މިލިއަން ޑޮލަރަށް ދަށަށް ގޮސްފައި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން މިވަގުތު ރިޒާވްގައި ހުރީ އެންމެ މަހަކަށް ރާއްޖެއަށް ބޭނުންވާ ތަކެތި އެތެރެކުރެވޭހާ ފައިސާއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ އިމްޕޯޓަށް ކުރަންޖެހޭ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ރިޒާވްއަށް ނޭދެވޭ އަސަރުތައް ކުރުވައެވެ. މިގޮތުން ތެޔޮ އެތެރެކުރުމަށް ކުރަން ޖެހޭ ހަރަދު %14  އިތުރުވެ، ޓްރޭޑް ޑެފިސިޓް 1.5 ބިލިއަން ޑޮލަރަށް ބޮޑުވެފައިވެއެވެ. އަދި ހަމަ މިއާއިއެކު އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ތެޔޮ އެތެރެ ކުރާ ވަރު ވަނީ %160 އިތުރުވެފައެވެ.

ރާއްޖޭގެ ރިޒާވް ދަށްވެ، ކުރާ ހަރަދުތައް އިހުނަށްވުރެ އިތުރުވަމުންދާކަން ވޯލްޑް ބޭންކުން ފާހަގަކޮށްފައިވާއިރު، 2026 ވަނަ އަހަރު ތެރޭގައި ދަރަނިން ބޮޑު އަދަދެއް ދައްކަން ޖެހޭއިރު، ކޮންމެ އަހަރަކު ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ދަނީ އިތުރު ވަމުންނެވެ.
މި ދަރަނިން ސަރުކާރު އަރައިގަތުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކޮށް، ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކަށްދޭ ސަބްސިޑީތައް މަދުކުރުމާއި، ބޭހާއި ސިއްހީ ސާމާނު ގަނޑުކޮށް ގަތުމާއި، ސަރުކާރުގެ މަގާމުތަކަށް މީހުން ނެގުން ކޮންޓްރޯލްކޮށް އަދި ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން މިވަގުތަށް މަޑުޖައްސާލުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button