އިންޑިއާގައި ހަތަރު މީހުންގެ ގުރޫޕަކުން މުސްލިމު އަންހެނަކު މަރާލައިފި
އިންޑިއާގެ އަވަށެއްގައި ހަތަރު މީހުންގެ ގުރޫޕަކުން މުސްލިމު އަންހެނެއް މަރާލައިފި އެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަތިޔާރު އެޅި ހަތަރު މީހުންގެ ގުރޫޕަކުން، އުމުރުން 35 އަހަރުގެ މުސްލިމް އަންހެނެއް ކަމަށްވާ މިނާޒް ބެޕާރީ މަރާލައިފައިވަނީ އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ގަޑަގްގައި އިއްޔެ ދުވާލުގެ ވަގުތުގަ އެވެ. އަދި މި މީހުން ބެޕާރީ މަރާލައިފައިވަނީ ލީތަލް ހަތިޔާރު ބޭނުން ކޮށްގެން ކަމަށްވެސް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.
އެ ސަރަހައްދުގެ ހޮސްޕިޓަލާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ބެޕާރީ ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭނާ އޮތީ މަރުވެފަ އެވެ.
ގަޑަގްގެ ފުލުހުން ވަނީ ބެޕާރީ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުން ހައްޔަރުކޮށްފަ އެވެ.
ބެޕާރީ މަރާލީ، އިންޑިއާގައި މުސްލިމުންނާއި ދެކޮޅަށްދެވޭ ހަމަލާތަކުގެ ތެރެއިންކަމަށް ބެލެވުނުނަމަވެސް، ގާޑަގް ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެގޮތުން ފުލުހުން ބުނީ ބެޕާރީ މަރާލައިފައިވަނީ ބަދަލު ހިފުމަށް ދެވުުނު ހަމަލާއެއްގެ ތެރެއިން ކަމަށެވެ.
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މުސްލިމުންނާއި ދެކޮޅަށް އެކި ހަމަލާތައް ދިނުން މި ފަހަކުން ވަނީ އާންމުވެފަ އެވެ. އޭގެތެރެއިންވެސް ހިންދޫ ދީނުގެ މެޖޯރިޓީ އޮންނަ ސަރަހައްދުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ދެވޭ ހަމަލާތަކުގެ އަދަދު ވަނީ ރިކޯޑް މިންވަރަކަށް އިތުރުވެފަ އެވެ.