
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ލިޔުމުން ޖަވާބު ހޯއްދަވަން ބޭނުންފުޅުވި ސިޓީގައި އޮތީ އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކަ ކަމަަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހދ. ނޭކުރަންދޫގައި އަޅާ ޖަލުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ޖަލުގެ މަސައްކަތް މި ވެރިކަމުގެ ބާކީ އޮތް ދުވަސްތަކުގައި ނިމޭނެތޯ އާއި މެދު ލިޔުމުން ޖަވާބު ދެއްވަން ހުށަހެޅުއްވީ މަކުނުދޫ ދާއިރާާގެ މެމްބަރު މުހައްމަދު ރާއީ އެވެ.
އިމްރާން ލިޔުމުން ފޮނުއްވި ހަތަރު ސަފްހާގެ ޖަވާބު މަޖިލީހުގައި އިއްވަން ވެސް 15 މިނެޓްވަރު ހޭދަވި އެވެ. މި ލިޔުމުގައި ޖަލުގެ މަސައްކަތް ލަސްވާ ސަބަބާއި ކޮވިޑުގެ ހާލަތާއި ބަޖެޓްގެ ދަތިކަން ފާހަގަ ކޮށްފައިވެއެވެ. މީގެ އިތުރުން، މި މަސައްކަތުގައި އެއްވެސް ވަރަކަށް އިތުރުފުޅު ހައްދަވާފައި ނުވާނެ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވެފައިވެއެވެ.
އިމްރާންވެ މި ޖަވާބަށް ރައީސް ނަޝީދުގެ ފަރާތުން ވަރަށް ބޮޑަށް ފާޑުވިދާޅުވުންތައް އަމާޒުވެފައިވެއެވެ.
”އަޅުގަނޑު ދެކޭ ގޮތުގައި މިތަނުގައި މި ހުރިހާ ތަފާސް ހިސާބު ކިޔުއްވަން ޖައްސުވައި އަދި ކިޔާ ނިމުނުއިރުގައި މީ އަނބޮއްފުޅާ ދަނބޮއްފުޅުގެ ވާހަކައަށް ވެ ދިއުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި އިއްޒަތްތެރި މެމްބަރުން ވާނީ އަނބޮއްފުޅާ ދަނބޮއްފުޅުގެ ވާހަކަ ކިޔުއްވާފަ. އެ ވާހަކައިގައި ވާގޮތް އެނގިވަޑައިގަންނަވާނެ. މިއޮތީ ހަމަ ސީދާ އެގޮތްވެފައި.“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއީ ވަނީ އިމްރާންގެ މިސިޓީ ފުޅުގައި އެމަނިކުފާނު އިތުރުފުޅުހައްދަވާފައިކަމަށް ވިދާޅުވެފައެވެ. މިހެން ކަމުން އެ ސިޓީ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުއްވަވާނެކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.