ޚަބަރުދުނިޔެސިޔާސީ

ގާނޫނާ ހިލާފަށް ދިވެހި 3 މަސް ދޯންޏަކަށް އަރައި، އިންޑިއާއިން ހިންގި އޮޕަރޭޝަންގެ ތަފްސީލު ދިނުމަށް ރާއްޖެއިން އެދިއްޖެ

ބައިނަލްއަގްވާމީ ކަނޑުތަކުގެ ގާނޫނާއި އުސޫލުތަކާ ހިލާފަށް ދިވެހިރާއްޖޭގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުން އައި ދިވެހި 3 މަސްދޯންޏަކަށް އިންޑިއާގެ އަަސްކަރިއްޔާއިން އަރައި، ހިންގި އޮޕަރޭޝަންގެ ތަފްސީލް ދިނުމަށް ރާއްޖެއިން އިންޑިއާ ސަރުކާރަށް އަންގައިފިއެވެ.

 

އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އދ.މަހިބަދޫއަށް ނިސްބަތްވާ އަސުރުމާ-3 މަސްދޯނި ރާއްޖޭގެ އިޤުތިޞާދީ ސަރަހައްދުގެ އިމުގެ ތެރެއިން، ހއ.ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަނިކޮށް އެ ދޯންޏަށް ބޭރު ޤައުމެއްގެ ސިފައިން އެރިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަމުރުފުޅަށް ކޯސްޓުގާޑުގެ އުޅަނދެއް އެ ސަރަހައްދަށް ގޮސް އެ ދޯންޏާއި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރި ކަމަށެވެ.

 

އަދި އެމްއެންޑީއެފުން ބެލި ބެލުމުން ދިވެހި އިތުރު ދެ މަސްދޯންޏަކަށް ބޭރު ސިފައިން އެރިކަން އެނގިފައިވާކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެއީ މޮހޮރާ-3 އަދި ނިރު-7 ދޯންޏަށް ކަމަށާއި، އެ ދޯނިފަހަރަށް އެރި ސިފައިންނަކީ އިންޑިއާގެ ކޯސްޓުގާޑުގެ 246 އަދި 253 ބޯޑުގެ ބޯޑިން ޓީމުތަކުގެ ސިފައިންކަން ކަށަވަރުވެފައިވާކަމަށް ދިފާއީ ވުޒާރާއިން ބުންޏެވެ.

އަދި ދިވެހި މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރީ ދިވެހިރާއްޖޭގެ ކަމާ ގުޅޭ އެއްވެސް އިދާރާއެއްގެ ހުއްދައެއް ނެތި ކަމަށް ވެސް ބުނެފައިވެއެވެ.

އަދި އެފަދައިން ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދަށް އިންޑިއާ ސިފައިން ވަނީ ބައިނަލްއަޤުވާމީ ކަނޑުގެ ޤާނޫނުތަކާއި އުސޫލުތަކާ ޚިލާފަށް ކަމުގައިކަން ފާހަގަކުރުމާއެކު، ދިފާއީ ވުޒާރާއިން ބުނެފައިވަނީ އެ އޮޕަރޭޝަނުގެ ތަފުސީލުތައް ހޯދުމަށް ޚާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި 1 ފެބްރުއަރީގައި ރަސްމީކޮށް އެދިފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button