ލިވާތީންނަށް ލުއި އަދަބު، ޝިރްކު ހުއްޓުވުމުން ޓެރަރިޒަމްގެ ދަޢުވާ

އިންޑިއާ އެމްބަސީއާއި ދިވެހި ސަރުކާރު ގުޅިގެން 21 ޖޫން 2022 ގައި ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ޔޯގާ ޙަރަކާތަށް ހުރަސް އެޅި ކަމަށްބުނެ ދީނީ ޢިލްމުވެރިން ހިމެނޭހެން ގިނަ ދިވެހިންތަކެއްގެ މައްޗަށް ބޮޑެތި ދަޢުވާތަކެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އުފުލައިފިއެވެ.
ޔޯގާ އަކީ ޝިރްކުގެ ޢަމަލެއް ގޮތުގައި ގިނަ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ޙަރަކާތަކަށް ވީއިރު، މި ޙަރަކާތާއި ދެކޮޅަށް ކުރިއަށްގެންދިޔަ އިހުތިޖާޖުގައި ބައިވެރިވެވަޑައިގެން އެކަމުގެ ޙުކުމް ބަޔާންކޮށްދެއްވި 2 ޢިލްމުވެރިން ކަމަށްވާ ޝައިޚް ފަޟްލޫން މުޙައްމަދާއި ޝައިޚް އާދަމް ނިޝާނުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއް ހިންގުމަށް ހިތްވަރުދިނުމުގެ ކުށުގެ ދަޢުވާ ވަނީ އުފުލާފައެވެ.
ދަޢުލަތުން އުފުލާފައިވާ މި ދަޢުވާތައް ސާބިތުވެއްޖެނަމަ އެއިން ކޮންމެ ބޭފުޅެއްގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ.
އެ ދެ ބޭފުޅުންގެ އިތުރުންވެސް އިތުރު 7 މީހެއްގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއުފުލާފައިވެއެވެ.
ދަޢުވާ އުފުލާފައިވާ މީހުންނަކީ:
- 1. މއ.ކަނުހުރާ، މުޙައްމަދު ޛިލިއަން
- 2. ތ.ތިމަރަފުށި، ނަރުގަސްވިލާ، ޢަބްދުﷲ ރިފާޢު
- 3. ނ.މިލަދޫ، ކާނޭޝަންމާގެ، އަބޫބަކުރު ފާރިޢު
- 4. ރ.ކަނދޮޅުދޫ، އަލަމާގެ، އަޙްމަދު އަކްސަމް
- 5. ގއ.މާމެންދޫ އަސްރަފީވިލާ، އަޙްމަދު ނަޞޫޙު
- 6. މ.ކުދެހިގެ، ޙަސަން ޝިފާޒު
- 7. ފ.ދަރަނބޫދޫ، އާބާދީގުލްޝަން، ޝަބީމް އާދަމް
މި މީހުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވެއްޖެނަމަ 20 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ.
އޭގެ އިތުރުން އިތުރު 7 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ދިވެހި ދަޢުލަތުން ވަނީ އުފުލާފައެވެ.
ދަޢުވާ އުފުލާފައިވާ މީހުންނަކީ:
- 1. ހއ.ހޯރަފުށި، ޔާގޫތުގެ، މުޙައްމަދު އިސްމާއީލް
- 2. ގ.ފީނިކްސް، ޢަބްދުﷲ ނިޔާޒު
- 3.ތ.ތިމަރަފުށި. އަލީއާބާދު، އަލީ މުހައްމަދު
- 4. ނ.ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާން
- 5. ލ.މުންޑޫ، އަންނާރުމާގެ، މުޙައްމަދު ޝާން
- 6. ހދ.ކުޅުދުއްފުށި، ބާބޫގެ، ޙުސައިން ޢަލީ
- 7. މ.ފަޅުމަތީގެ، އަޙްމަދު ޢަލީ
މި މީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ. އެ ދަޢުވާ ސާބިތުވެއްޖެނަމަ އެއިން ކޮންމެ މީހެއްގެމައްޗަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ.
މީގެ އިތުރުން ތ.ތިމަރަފުށި، ނަރުގަސްވިލާ ޢަބްދުﷲ ރިފާއުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާޢީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެކުށުގެ ދަޢުވާ ވެސް ވަނީ އުފުލާފައެވެ. އެ ކުށުގެ އަދަބަކީ 1 އަހަރާއި 3 އަހަރާ ދެމެދުގެ ޖަލު ޙުކުމެކެވެ. އަދި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެކުށުގެ ދަޢުވާ 4 މީހެއްގެ މައްޗަށް އުފުލާފައިވެއެވެ.މި ދަޢުވާތައް ސާބިތުވެއްޖެނަމަ އެމީހުންނަށް 3 އަހަރާއި 5 އަހަރާ ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެ.
މީގެ އިތުރުން އިތުރު 15 މީހެއްގެ މައްޗަށް ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާވެސް ދަޢުލަތުން އުފުލާފައިވެއެވެ. އެކުށް ސާބިތުވެއްޖެނަމަ އެ މީހުންގެ މައްޗަށް 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.
މީގެ އިތުރުން މުޙައްމަދު އިސްމާޢީލް އާއި މުޙައްމަދު ޛިލިއަންގެ މައްޗަށް ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާއިރު އެއީ ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ދަޢުވާއެކެވެ.
އިންޑިއާ ހައިކޮމިޝަނާއި ދިވެހި ސަރުކާރުން ގުޅިގެން ބޭއްވި ޔޯގާ ޙަރަކާތަށް ހުރަސްއެޅި ފަރާތްތަކަށް މިހާ ބޮޑެތި ދަޢުވާތަކެއް ކުރަނީ އިންޑިއާއިން އަންގައިގެން ކަމުގެ ޙަޤީޤަތް ބޭރު ދުނިޔެއަށް އޮޅުވައިލުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ވަނީ ބުނެފައެވެ.
ޔޯގާ ހަރަކާތް ހުއްޓުވި ކަމަށްބުނެ ޢިލްމުވެރިން ހިމެނޭހެން އެތައް ބައެއްގެ މައްޗަށް ބޮޑެތި ދަޢުވާތަކެއް އުފުލާފައިވާއިރު އިސްލާމްދީނުގައިވާ އެންމެ ބޮޑެތިފާފަތަކުގެ ތެރޭގައި ހިމެނޭ ލިވާތު ކުރި ދިވެހި ފިރިހެނުންގެ މައްޗަށް ދަރަޖަ ތަކަކަށް ބަހާލައިން ދަޢުލަތުން ކުރި ޙުކުމާއި ގުޅިގެން ދިވެހި ދަޢުަލަތަށް އެތައްބައެއްގެ ނުރުހުމާއި، ފާޑުކިޔުންވަނީ އަމާޒުވެފައެވެ.
ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން، ދެ މީހަކު ރުހުމުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގައިފި ނަމަ އަދަބަކީ 5އަހަރާއި 7 އަހަރަށް ޖަލަށް ލުމެވެ. އެހެންނަމަވެސް ދިވެހި ދަޢުލަތުން ލިވާތީންނަށް ދަޢުވާކޮށްފައިވަނީ ޚާއްޞަ އިނާޔަތްތަކަކާއިއެކު އެންމެ ކުޑަ އަދަބުގެ ތެރެއިންނެވެ.