
ޖޫން 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އެޅި މައްސަލައިގައި ރައްޔިތުންގެ މަޖިލީގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދަން އިދިކޮޅުން ގޮވާލައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި އެ ހަމަނުޖެހުންތަކާ ގުޅިގެން ޖުމްލަ 18 މީހަކަށް ދައުވާ ކުރަން ނިންމާފައިވާއިރު، އޭގެ ތެރޭގައި މުހައްމަދު ހިމެނެއެވެ. މުހައްމަދަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި، އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުމުގެ ދައުވާއެއް ވެސް ވަނީ އޭނާގެ މައްޗަށް ކޮށްފައެވެ.
ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ މުހައްމަދު އިސްމާއިލްގެ މައްޗަށް އުފުލާފައިވާއިރު، އެ ދުވަހު ހަމަނުޖެހުން ހިނގި ސަރަހައްދަށް އޭނާ ގޮސްފައެއް ނުވާކަން ނޫސްވެރިންނަށްވެސް ކަށަވަރު ވެއެވެ.
އެކަމާއި ގުޅިގެން އިދިކޮޅުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ޔޯގާ ހަމަނުޖެހުމާ ގުޅުވައިގެން ގިނަ ބައެއްގެ މައްޗަށް ޓެރަރިޒަމް ދައުވާ އުފުލާފައި ވަނީ، އިންޑިއާ ސަރުކާރުން އަންގާފައިވާ ގޮތަށް ބޭރު ދުނިޔެއަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމުގައެވެ. އަދި އެ ދުވަހުގެ ހަމަނުޖެހުމަކީ ވަރަށް ބޮޑަށް ޕްލޭން ކޮށްގެން ސަރުކާރުން ކުރުވާފައިވާ ކަމެއް ކަމަށް އިދިކޮޅުން ބުންޏެވެ.
”އޭނާއަކީ އެ ހަމަނުޖެހުން ހިނގި އިރު އެތާ ހުރި މީހެއް ވެސް ނޫނެވެ. އެހެންކަމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އެ ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި އެ ނިންމުން އަނބުރާ ގެނައުމަށް ވެސް ގޮވާލަމެވެ“ އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މުހައްމަދު އިސްމާއީލުގެ އިތުރުން ޝައިޚް ފަޒްލޫން މުހައްމަދާއި އާދަމް ނިޝާންގެ މައްޗަށް ވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ދައުވާ އުފުލާފައެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ، 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އެބޭފުޅުންނަށްވެސް އަންނާނެއެވެ.
ދެސޭޭހުންނާ ދެންތިބިމީހުންވެސް ދޫކޮންލަށްޖެހޭނެ