ޚަބަރު

އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާ އަށް އަލަމްގީރު އިއުތިރާފްވެއްޖެ

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެ، ހުކުމް ތަންފީޒުކުރަމުންދާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރުގެ މައްޗަށް އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާ އަށް މިއަދު އިއުތިރާފްވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި މި އަޑުއެހުން ތާވަލްކޮށްފައިވަނީ މިއަދު ހެނދުނު 10:00 އަށެވެ. ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދު ކުރިއަށް ގެންދިޔައިރު 40 ދައުވާ އަށް އޭނާ އަމިއްލައަށް އިއުތިރާފްވުމުން ދެން އޮންނާނީ ހުކުމް އިއްވުމެވެ. މިއަދުގެ އަޑުއެހުން ކުރިއަށްގެންދިޔައީ ސިއްރު ކޮށްގެންނެވެ.

އަލަމްގީރްގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 622 މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

އޭނާގެ މައްޗަށް މި 40 ދައުވާ އުފުލާފައިވާއިރު އެއްޖިންސުން ގުޅުންހިންގި ކަމަށް އިއުތިރާފުވެފައި ވާތީ، އޭނާ މިހާރު އަންނަނީ 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.

އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ދާދިފަހުން ވަނީ ރައްޔިތުންގެ މަޖްލީހުގެ ރައީސްގެ ކޮއްކޮ ނާޒިމް ސައްތާރު އަދި ސާޖަންޓް އަބްދުއްރަހުމާން ރަފީއު (ދޮންދިގު) މައްޗަށްވެސް ހުކުމްކޮށްފައެވެ. އެގޮތުން 3 މަސްދުވަހު ގޭބަންދުކުރުމަށް ނާޒިމް ސައްތާރަށް ވަނީ ހުކުމްކޮށްފައެވެ. ރަފީއު (ދޮންދިގު)ގެ މައްޗަށް ވަނީ 1 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާާ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް މިހާރު ދަނީ ކުރިއަށްގެންދަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button