މުނިފޫހިފިލުވުން

ތިމާގެ މިސްރާބު އިނގޭނީ ތިމާއަށް

ކިޔަވަން ތިއުޅެނީ މާ ރަނގަޅު އެއްޗެއް ނޫނެވެ. ހެދުން ވެސް ތި އަޅަނީ މާ ރަނގަޅަކަށް ނޫނެވެ. އެކުގައި ތި ގެންގުޅެނީ މާ ރަނގަޅު ރައްޓެހިންނެއްވެސް ނޫނެވެ. ކެއުމުގެ ގޮތްގަނޑުވެސް ތި ހުންނަނީ އެންމެ އަވަހަށް މީހާ ފަލަވާނެ ގޮތަށެވެ. އުމުރުން 20 އަހަރުގައި ކައިވެނި ކުރަންވާނެއެވެ. ކައިވެނި ކުރަން ތިއުޅޭނީ އެހާ ރަނގަޅު މީހަކާއި ނޫނެވެ. މިއީ ހައްތަހާވެސް އެހެން މީހުން ތިމާގެ ނަފުސަށް ނުވަތަ ތިމާގެ ދިރިއުޅުމާއި ބެހޭ ގޮތުން ބުނާ ވާހަކަތަކެވެ. ނަމަވެސް ތިމާގެ ނަފުސާއި ބެހޭ ގޮތުން ތިމާއަށްވުރެ ބޮޑަށް އިނގޭނެ އިތުރު މީހަކު ނުހުންނާއެވެ. ތިމާ އުޅެންވި ގޮތްވެސް އިނގޭނީ ތިމާއަށެވެ. އަމިއްލަ ނަފުސަށްޓަކައި ނިންމާ ނިންމުންތައް ވާންޖެހޭނީ އެހެން މީހުންގެ ނިންމުންތަކަކަށް ނޫނެވެ. 

ދިރިއުޅުމުގައި ކުރިއަށް ދިއުމަށް އެންމެ އުނދަގޫ ވަނީ އެކަމަށް އެހެން މީހުން ބަސްބުނަން ފަށާ ހިސާބުން ފެށިގެންނެވެ. ކަމާއި މުޅިން ނުބެހޭ މީހުންނެވެ. ހަގީގަތަކީ ތިމާގެ ދިރިއުޅުމުގެ ކަންކަން ނިންމާނީ ތިމާއެވެ. ތިމާގެ އަމިއްލަ ދިރިއުޅުމަށް ބޭނުންވާ ކަންކަން ކުރާނީ ވެސް ތިމާގެ ނަފުސު ދައްކާ މަގުންނެވެ. ބައެއް ކަންކަމަކީ ހަމަ އެކަނި އަމިއްލަ މީހާ ބަސް ކިޔަން ޖެހޭ ކަންކަމެވެ. ކޮންމެ މީހަކަށްވެސް ވަކި ދިރިއުޅުމެއް ދީފައި އޮންނަނީ ވެސް އެ ސަބަބަށްޓަކައެވެ. ނަމަވެސް ބައެއް މީހުންގެ ވިސްނުމާއި ފާޑުކިޔުން ހުންނަ ގޮތުން، އެމީހުންގެ އެ އަމަލު ތަކުގެ އަސަރު ކުރަނީ ތިމާގެ ދިރިއުޅުމަށެވެ. އޭގެ ޒިންމާ ނަގަން ޖެހޭނީ އެކަން ކުރި މީހުން ނަމަވެސް، އެހެން މީހުން ބޭނުންވާ ގޮތަށް ތިމާގެ ދިރިއުޅުން ބަށްޓަން ކުރުގެ ސަބަބުން ތިމާގެ ދިރިއުޅުމަށް ކުރާ އަސަރުގެ ޒިންމާވެސް ނަގަން ޖެހެނީ ތިމާ އަމިއްލަ އަށެވެ. އެކަން އެހެން މީހުންނަށް ނުވިސްނުނު ނަމަވެސް ތިމާގެ އަމިއްލަ ނަފުސު އެކަން ދެނެގަންނަން ޖެހޭނެއެވެ.

ދިރިއުޅުމަކީ އުނދަގޫ އެތައް ކަމެއް އޭގައި އެކުލެވޭ އިމްތިހާނެކެވެ. މި އިމްތިހާނުގެ އުނދަގޫ ކަން އިތުރު ވަނީ އެހެން މީހުން ބޭނުންވާ ގޮތަށް ތިމާގެ ދިރިއުޅުން ބާއްޓަން ކުރަން ހަދައިގެންނެވެ. ރަނގަޅެވެ. ބަސް ބުނާ މީހުން އުޅޭނެއެވެ. މަދެއް ނުވާނެއެވެ. ފާޑު ކިޔާ މީހުން ބަލައިލި ކޮންމެ ތާކުން ފެންނާނެއެވެ. އެމީހުން ހިތްހަމަ ޖެހޭ ގޮތަށް ކުރެވޭ އެއްވެސް ކަމެއް ނޯންނާނެއެވެ. ނަމަވެސް ހަގީގަތަކީ ތިމާގެ ދިރިއުޅުމަކީ ހަމައެކަނި ތިމާގެ އެއްޗެއްކަމެވެ. އެހެން މީހުންގެ ވިސްނުމުގެ މައްޗަށް ދިރިއުޅުމުގެ މިސްރާބު ބަދަލު ކުރާ މީހުން އެކަމާއި ފަހުން ހިތާމަކުރެއެވެ. ދިރިއުޅުމުގެ ހިތްހަމަ ޖެހުމެއް ނުލިބެއެބެވެ. ހުރިހާ ގޮތަކުން ވެސް ކުރިމަތިވަނީ އިތުރު އުނދަގޫތަކެވެ. ކިތަންމެ ބޭނުން ވިޔަސް އެހެން މީހުން ބަސްނުބުނާ ގޮތަކަށް ނޫޅެވޭނެއެވެ. އެންމެން ހިތްހަމަ ޖައްސައިގެން އުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނޫނެކޭ ބުނަން ޖެހޭ ފަހަރުތައް ވެސް އަންނާނެއެވެ. ތިމާއަށްޓަކައި އެހެން މީހުންގެ ވާހަކަތަކަށް ފަސްދޭން ޖެހޭ ފަހަރުވެސް އަންނާނެއެވެ. އެހެން މިހުންގެ ވިސްނުމާއި އިއްތިފާގު ނުވެގެން، އެމީހުން ހިތްހަމަ ނުޖެހޭ ގޮތަށް ކަންކުރަން ޖެހޭ ފަހަރުތަށް ވެސް އަންނާނެއެވެ. ނަމަވެސް ތިމާގެ އަމިއްލަ ނަފްސުގެ ކުރިއަށް އެހެން މީހުންގެ ބޭނުންވާ ގޮތް އިހުތިޔާރު ކުރުމަކީ މޮޔަ ކަމެއްކަން އެބަޔަކު ބުނިގޮތަށް ދިރިއުޅުން ބަދަލު ކުރި މީހުންނަށް ވިސްނޭނެއެވެ.

ހަގީގަތަކީ ތިމާގެ ދިރިއުޅުމުގެ ބެލެނިވެރިޔާ އަކީ ތިމާ ކަމެވެ. ތިމާގެ ހަޔާތުގެ ”ޑައިރީ“ ލިޔާނީ ތިމާއެވެ. އެހެން މީހުންނެއް ނޫނެވެ. ތިމާގެ ދިރިއުޅުމަކީ ތިމާގެ އަމިއްލަ އެއްޗެކެވެ. ދިރިއުޅުމުގެ މިސްރާބާއި މަންޒިލުވެސް ނިންމާނީ ހަމަ އެކަނި ހުދު ތިމާގެ އަމިއްލަ ނަފުސެވެ. ކަމާއި ނުބެހޭ އެހެން މިހުންނެއް ނޫނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button