
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑު އެހުމުގައި އިނގިރޭސި ވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި ހުރެ ބައިވެރިވެވަޑައިގެންނެވިކަން ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދީފި އެވެ.
ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރައްވަން ކޯޓުން ދިން ހަތަރު މަސް ތެރޭގައި އެނބުރި ވަޑައިނުގަންނަވައި، އަލީ ވަހީދު އެދިވަޑައިގަތީ އޮންލައިންކޮށް އޭނާގެ ޝަރީއަތް ކުރިޔަށް ގެންގޮސް ދިނުމަށެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އެގޮތަށް އަޑުއެހުން ބޭއްވޭނެ ކަމަށް ނިންމާފައެވެ. އެގޮތުން އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް ވަޑައިގެން އަޑުއެހުމުގައި ބައިވެރިވެވަޑައިގެންނެވޭ ގޮތް އޭނާ އަށް ހަމަޖައްސައިދީފައި ވެއެވެ.
ނަމަވެސް، އަލީ ވަހީދު، ހައި ކޮމިޝަނަށް ވަޑައިގެންނެވި ކަމާ މެދު ދައުލަތުން ކޯޓުގައި ސުވާލު އުފެއްދި އެވެ. ބުދަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އެކަން ސާފު ނުވުމުން ދައުލަތުން ވަނީ އެކަން ކަށަވަރު ކުރަން ފޮރިން މިނިސްޓްރީ އަށް ސިޓީއެއް ފޮނުވައިފަ އެވެ.
އޮންލައިން ނޫހެއް ކަމަށްވާ ”މިހާރު“ އަށް މައުލޫމާތު ދެއްވަމުން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އެ ސިޓީގެ ޖަވާބު ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށާއި، އަލީ ވަހީދު ހައި ކޮމިޝަނަށް ވަޑައިގެންނެވިކަން ކޯޓުން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.
އަލީ ވަހީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ 7 ދައުވާއެއް ވަނީ ކޮށްފައެވެ. އަދި އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 21 އަހަރުގެ ޖަލު ހުކުމް އަންނާނެ އެވެ.