މުނިފޫހިފިލުވުން

ދެ އަނބިން މާ ރަނގަޅު؟

ދިވެހިންގެ ތެރޭގައި މިހާރު އެންމެ އާންމު ވާހަކައަކީ ފިރިހެނަކު ދެ އަތްނބައް މީހުނާ އިންނަ ވާހަކައެވެ. އެންމެ ގިނައިން ކުރެވޭ ބަހުސަކަށް ވަނީ ވެސް ހަމަ މިވާހަކައެވެ. ރަނގަޅަށް ކުރިއަށްދާ ކައިވެނިތައް ވެސް ރޫޅެން ދިމާވާ ސަބަބަކަށް ދެ އަނބިންނާ އިނުމަށް ކުރެވޭ ބަހުސްތައް ވެގެންދެއެވެ. މިވާހަކަތައް މިގޮތަށް ދެކެވެނީ ކޮންމެ ދެމީހަކުން އެކަކު މިހާރުވެސް ދެ އަނބިންނާ އިންނަ މަންޒަރު ފެންނާތީއެވެ. ދެން އުފެދޭ ސުވާލަކީ މިގޮތަށް ދެ އަނބިންނާއި އިނދެގެން އުޅޭ މީހުން އެޅެނީ އުފަލުގަ ކަމާއި މެދު އުފެދޭ ސުވާލެވެ.

ދެ އަނބިންނާއި އިނުމުން ޒިންމާތައް އިތުރުވެއެވެ. ކުރަން ޖެހޭ ކަންކަން ދެގުނަވެއެވެ. އެންމެ އަތްނބަކަށް ކަންކަން ކޮށްދޭން ޖެހޭ އިރުވެސް، ކުރަން ޖެހޭ ކަންތައްތަށް ގިނަވެގެން ބައެއް ފިރިހެނުން އުޅޭ މަންޒަރު ފެނިގެންދެއެވެ. މިއީ އެހެން މީހުން ދައްކާ ވާހަކައެއް ނޫނެވެ. މިއީ ބައެއް ފިރިހެނުން އަމިއްލައަށް ދައްކާ ވާހަކައެވެ. މިހެން މިކަން އޮތް އިރު، އޭގެ ދުވަސްކޮޅެއް ފަހުން ދެން އިވެނީ އެހެން ކައިވެންޏެއް ކުރި އަޑެވެ. އެންމެ މީހަކަށް ހަރަދު ކުރަން ޖެހުމުން އުނދަގޫ ވެގެން އުޅޭއިރު، ދެވެނަ ކައިވެންޏަކާއި އެކު ކުރަން ޖެހޭ ހަރަދު ވެސް އެތައް ގުނައެއް އިތުރުވެގެން ދެއެވެ. މިކަމުގެ ސަބަބުން ދެ އަތްނބަށް އިނދެގެން އުޅޭ ފިރިހެނުން އުޅެނީ އުފަލުގައި ތޯ ކުރެވޭ ސުވާލުތައް އިތުރުވެގެން ދެއެވެ.

ދިރިއުޅުމަކީ ކުޅޭ ކުޅޭ ކުޅިވަރެއް ނޫނެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ދެ އަތްނބަށް މީހުންނާއި އިނުމަކީ ދިރިއިޅުން ކުޅޭ ކުޅިވަރަކަށް ހެދުން ކަހަލަ ކަމެކެވެ. އެކަކު ނުގެންގުޅެވޭ މީހަކަށް ދެވަނަ މީހަކު ގެންގުޅުމަކީ ވާނެ ކަމެއް ނޫނެވެ. ދިރިއުޅުން ބޮޑު ހައިޖާނަކަށް ބަދަލުވަނީ މިގޮތަށް ނިންމާ ނިންމުން ތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ބުނެއެވެ. ގިނަ ބައެއްގެ ފަރާތުން ކުރިމަތިވާނީ ގިނަ މައްސަލަތަކެއް ކަމަށް ގަބޫލު ކުރާ މީހުންވެސް މަދެއް ނޫނެވެ. ގިނަ މައްސަލަ ތަކަކުން ދުވަސް ފެށޭއިރު، ދުވަސް ނިމޭނީ ވެސް ގިނަ މައްސަލަތަކަކުންނެވެ. ވަދެވެނީ މައްސަލަތަކުގެ ހާއްޔަކަށެވެ. ނަމަވެސް އެކަން ދެނެ ހުރެވެސް، މައްސަލަތަކުގެ ތެރެއަށް ފުންމާލަނީ ކީއްވެ ކަމާއި މެދު ސުވާލު ކުރާ އެތައް ބަޔަކު އުޅެއެވެ. ގިނައިން މިފަދަ ސުވާލުތައް ކުރާ ބަޔަކަށް އުޅެނީ އަންހެން ވެރިންނެވެ. ސަބަބަކީ މިކަހަލަ ބައެއް ތަޖުރިބާ ކުރަން ޖެހޭތީއެވެ. މިކަން މިގޮތަށް އޮތްއިރު ދެ އަނބިންނާއި އެކު އުފަލުގައި އުޅެވޭނެ ކަމަށް މިކަހަލަ ތަޖުރިބާ ކުރަން ޖެހިފައި ތިބި މީހުން ގަބޫލެއް ނުކުރެއެވެ.

މިހާރު ދެ އަނބިންނާއި އިނުމަކީ އާންމު ކަމަކަށް ވެފައިވާއިރު، އެކި މީހުން މިކަމާއި މެދު ދެކޭގޮތް ތަފާތެވެ. އެކި މީހުންނަށް ތަޖުރިބާ ކުރަން ޖެހެނީ ދިރިއުޅުމުގެ ތަފާތު ކަންކަމާއެވެ. އެހެން ކަމުން ގަބޫލުކުރާ ގޮތް ވެސް ތަފާތުވާނެއެވެ. އެހެން ކަމުން ދެ އަނބިން ގެންގުޅުމާއި ބެހޭ ގޮތުން ވެސް އެކި މީހުން ވާހަކަ ދައްކަނީ އެމީހުންގެ ތަޖުރިބާއަށް ބަލާފައެވެ. އެކި މީހުންގެ ތަފާތު ހިޔާލު އެކި ކަންކަމާއި ގުޅިގެން ހުންނައިރު، މިކަމަކީ ވެސް ހަމަ އެކަހަލަ ކަމެކެވެ. ނަމަވެސް އެންމެ ފަހުން އެންމެންވެސް ކުރާ ސުވާލަކީ ދެ އަނބިންނާއި އިނދެގެން އުޅޭ މީހުން އުޅެނީ އުފަލުގައި ކަމާއި މެދު ކުރާ ސުވާލެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button