ޚަބަރު

އޮރިޔާން ކާޑު ހެދި އަލަމްގީރު އަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފި!

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެ، ހުކުމް ތަންފީޒުކުރަމުންދާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރުގެ މައްޗަށް އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާ އަށް އަމިއްލަ އަށް އިއުތިރާފް ވުމުން ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

އަލަމްގީރުގެ މައްޗަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި މިވަނީ މިއަދު ހަވީރު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައެވެ. މި އަޑުއެހުން ކުރިއަށްގެންދިޔައީ ސިއްރު ކޮށްގެންނެވެ.

އަލަމްގީރްގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 622 މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ދާދިފަހުން ވަނީ ރައްޔިތުންގެ މަޖްލީހުގެ ރައީސްގެ ކޮއްކޮ އަހުމަދު ނާޒިމް އަބްދުއްސައްތާރު އަދި ސާޖަންޓް އަބްދުއްރަހުމާން ރަފީއު (ދޮންދިގު) މައްޗަށްވެސް ހުކުމްކޮށްފައެވެ. އެގޮތުން 3 މަސްދުވަހު ގޭބަންދުކުރުމަށް ނާޒިމް ސައްތާރަށް ވަނީ ހުކުމްކޮށްފައެވެ. ރަފީއު (ދޮންދިގު)ގެ މައްޗަށް ވަނީ 1 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާާ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button