
މަހިބަދޫ ބިން ހިއްކުމުގެ މަސައްކަތަކީ މިއަހަރުގެ ބަޖެޓުގައި ހިމެނޭ ކަމެއް ނޫން ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު ތޯރިގު އޮޅުން ފިލުއްވަން ބޭނުންވީ އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެން އެކަން ފެށޭނީ ކިހާ ދުވަހަކުން ތޯ އެވެ. ޖަވާބުގައި އަސްލަމް ވިދާޅުވީ މިހާތަނަށް އެކަމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމުގައެވެ.
އެ ސުވާލާ ގުޅިގެން ދެން ތޯރިގު އެއްސެވީ އަންނަ އަހަރު އެ މަސައްކަތް ކުރުމަށް ބަޖެޓުގައި ހިމަނަން މިނިސްޓަރ އަސްލަމް ގަސްތު ކުރައްވާ ތޯއެވެ. ޖަވާބުގައި އަސްލަމް ވިދާޅުވީ އަންނަ އަހަރުގެ ބެޖެޓު އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރިޔަށް ގެންދާ ކަމަށާއި، މަޖިލީހަށް ބަޖެޓު ހުށަހެޅޭނެ ކަމުގައެވެ. އަދި ބަޖެޓަށް މެންބަރުންގެ ރިވިއު ހުށަހެޅޭނެ ކަމުގައެވެ. އަދި މެންބަރު ތޯރިގަށްވެސް އެ ފުރުސަތު އޮންނާނެ ކަން އަސްލަމް ފާހަގަކުރެއްވިއެވެ.
ސަރުކާރުން ތަފާތު ކުރުން ގެންގުޅެނީ ކީއްވެތޯ ތޯރިގު ސުވާލު ކުރެއްވުމުން އަސްލަމް ވިދާޅުވީ އެފަދަ ކަމެއް އެބޭފުޅާވެސް އަދި ސަރުކާރުންވެސް ނުކުރައްވާނެ ކަމުގައެވެ.