ޚަބަރުދުނިޔެ

ބުރުގާއެއްގެ މައްސަލައެއްގައި ޒުވާނަކު މަރާލައިފި

އީރާނުގެ ހިޖާބުގެ ގަވާއިދުތަކަށް ބޯ ނުލަނބާ ކަމަށް ބުނެ އެގައުމުގެ 22 އަހަރުގެ ޒުވާން އަންހެނަކު މަރާލައިފިއެވެ.
މަހްސާ އާމިނީ އޭނާގެ އާއިލާއާއެކު އީރާނުގެ ހުޅަނގުގެ ކުރުދިސްތާން ޕްރޮވިންސުން ވެރިރަށް ތެހެރާނަށް ދަތުރުކުރަމުން ދިޔައީ ގާތްތިމާގެ މީހުންގެ ގާތަށް ޒިޔާރަތް ކުރުމަށެވެ. މި ދަތުރުގައި އޭނާ ހައްޔަރުކޮށްފައިވަނީ އަންހެނުންގެ ފޭރާމާ ބެހޭ ގޮތުން އެ ގައުމުން ގެންގުޅޭ ހަރުކަށި އުސޫލްތަކަށް ނުފެތޭ ކަމަށް ބުނެއެވެ.

މަންޒަރު ފެނުނު ހެކިން ބުނެފައިވާ ގޮތުގައި، އާމިނީއަށް ފުލުހުންގެ ވޭނުގައި ވެސް އަނިޔާކޮށްފައިވެއެވެ. އެހެން ނަމަވެސް، ފުލުހުންވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ، 1979 ވަނަ އަހަރު އީރާނަށް ގެނެވުނު އިސްލާމީ އިންގިލާބަށްފަހު، ހުރިހާ އަންހެނުން ވެސް ބުރުގާއިން އިސްތަށިގަނޑު ނިވާކުރުމަށް މަޖުބޫރުކޮށްފައިވާ، އަންހެނުންގެ ހައްގުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އީރާނުގެ ހަރުކަށި ރައީސް އިބްރާހިމް ރައީސީ އަމުރު ކުރެއްވިތާ ހަފްތާތަކެއް ފަހުންނެވެ. އާމިނީ ހައްޔަރުކުރިތާ ގަޑިއިރުތަކެއް ފަހުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަން އާމިނީގެ އާއިލާއަށް އަންގާފައިވެއެވެ. އޭނާވަނީ ކަސްރާ ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓަކަށް ބަދަލުކޮށްފައެވެ.

އީރާނުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ހްރާނާ އިން ބުނާ ގޮތުގައި އާމިނީ ހައްޔަރު ކުރުމުގެ ތެރޭގައި އޭނާ ”ރީ އެޑިއުކޭޝަން ސެޝަން“ އަކަށް ފަހު ދޫކޮށްލާނެ ކަމަށް އޭނާގެ އާއިލާއަށް އެންގިއެވެ. ފުލުހުން ފަހުން ބުނީ އާމިނީއަށް ހާޓް އެޓޭކެއް ޖެހުނު ކަމަށެވެ. ނަމަވެސް އާމިނީގެ އާއިލާއިން ވަނީ އެކަމާ ދެބަސްވެ، އޭނާ އަކީ ސިއްހަތު ރަނގަޅު މީހެއް ކަމަށާއި ސިއްހީ އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށް ބުނެފައެވެ.

ހޮސްޕިޓަލަށް ގެންދިއުމަށްފަހު އާމިނީ އޮތީ ކޯމާއެއްގައި ކަމަށާއި، އޭނާ މަރުވެފައިވާ ކަމަށް ކަމަށް ހޮސްޕިޓަލުގެ މުވައްޒަފުން ބުނި ކަމަށް އޭނާގެ އާއިލާއިން ބުންޏެވެ. އަމިނީގެ ބޮލުގެ ވަށައިގެން ބެންޑޭޖްތަކެއް އޮޅާފައި، ކޯމާއެއްގައި ހޮސްޕިޓަލުގެ އެނދުގައި ބާއްވާފައި އޮތް މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

އަމީނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް، މަރުވުމުން އީރާނުގެ މަޝްހޫރު ތަރިންނާއި ސިޔާސީ ފަރާތްތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އެގޮތުން، އިސްލާހަށް މަސައްކަތްކުރާ ސިޔާސީ އަދި ކުރީގެ ޕާލަމެންޓް މެމްބަރު މަހްމޫދު ސަދީގީ ވަނީ، އާމިނީގެ މައްސަލާގައި އަޑުއުފުލުމަށް ސުޕްރީމް ލީޑަރު އާޔަތު އަލީ ޚާމަނައީއަށް ގޮވާލައްވާފައެވެ.

”ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން އެމެރިކާގެ ފުލުހުންނަށް ޙައްޤު ގޮތުގައި ތައުރީފު ކުރެއްވި އެންމެ މަތީ ލީޑަރު، މަހްސާ އާމިނީއާ މެދު އީރާނު ފުލުހުން އަމަލުކުރި ގޮތާ މެދު ވިދާޅުވަނީ ކީކޭތޯ؟“ ހުކުރު ދުވަހު ސަދޭގީ ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައީސީގެ އަމުރަކަށްފަހު، އިންޓީރިއާ މިނިސްޓްރީއާއި، ތެހެރާންގެ ޕްރޮސެކިއުޓަރުވަނީ މި މައްސަލައިގެ ތަހްގީގުތައް ފަށާފައެވެ. ރައީސީ ވަނީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އަންހެނުންގެ ހެދުން ތައް އަޅާނެގޮތުގެ ގަރާރެއްގައި ސޮއިކޮށް، އާންމުންނާއި އޮންލައިންކޮށް ވެސް ހަރުކަށި ކޯޑާ ހިލާފުވުމުން ހަރުކަށި އަދަބުތައް ދިނުމަށް ސޮއިކޮށްފައެވެ.

ޖުލައި މަހުގެ 12 ވަނަ ދުވަހު އިއުލާން ކުރި ގައުމީ ”ހިޖާބާއި އަދަބުގެ ދުވަސް“ އަށްފަހު އެ ގައުމުގެ އެކި ކަންކޮޅުތަކުގައި އަންހެނުންތަކެއް ހައްޔަރުކޮށްފައިވެސްއެވެ. އޭގެ ތެރެއިން އެއް އަންހެނަކީ ލިޔުންތެރިޔާ އަދި އާޓިސްޓެއް ކަމަށްވާ ސެޕިދޭހް ރަޝްނޯ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން މައުލޫމާތު ދޭ ގޮތުގައި ކަސްރާ ހޮސްޕިޓަލުގެ ބޭރުގައި އިތުރު ސަލާމަތީ ބާރުތަކުން މިހާރު ވަނީ ފޯރިމަރަން ފަށާފައެވެ.

 

 

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button