ޚަބަރުސިޔާސީ

ޗޯރު އިބުރޭ ކިޔައިގެން ބޮޑު މާސިންގާ ޓީވީ ސްޓޭޝަނެއް ސެންސަރު ކުރި އަޅުގަނޑުމެން ވެރިކަމަށް އައީ ގޯޅާބޯ އާއި ”އެބޭ ސިޑިން ވެއްޓިދާނެތީ“ ކިޔައިގެން: އީވާ

ޗޯރު އިބުރޭ ކިޔައިގެން ޓީވީ ސްޓޭޝަނެއް ސެންސަރު ކުރި އިރު، އެމްޑީޕީއިން ވެރިކަމަށް އައީ ގޯޅާބޯ އާއި ”އެބޭ ސިޑިން ވެއްޓިދާނެތީ“ ކިޔައިގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ދަ ޑިމްކްރެޓްސް މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ދޫކޮށް ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އަށް ގުޅިވަޑައިގެންފައިވާ މެންބަރު އީވާ މިފަދައިން ވިދާޅުވީ ޗެނަލް 13 އިން ދައްކާ ބައެއް ލަވަތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ޗޯރެއް ނުވަތަ ވަގެއްގެ ގޮތުގައި ދޭހަވާ ކޮންޓެންޓު ހުރިކަމަށް ބްރޯޑްކޮމް އިން ނިންމައި އެ ސްޓޭޝަނަށް އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހަށް ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ހުށަހަޅުއްވުމާ ގުޅިގެންނެވެ. އެ މައްސަލައަށް ބަހުސް ކުރަން ވޯޓު ހަމަނުވި ނަމަވެސް އީވާ ވަނީ އެކަމުގައި އޭނާ ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާފައެވެ.

އެގޮތުން އީވާ މާފަށް އެދިވަޑައިގަންނަވަމުން ފާހަގަކުރެއްވިގޮތުގައި ކުރީގެ ރައީސް މައުމޫންގެ ވެރިކަން އެމްޑީޕީއިން ނިންމީ ގޮޅާބޯ ކިޔައިގެންނެވެ.

”ގޮޅާބޯ ގޮޅާބޯ ކީކީނުންގޮސް އޮފް ކަނޑުވާލައިގެން ސައިޒަށް ތިރިކޮށްލައިގެން ވެރިކަން ބަދަލުކުރި ބައެއް. ބަގާވާތަކުން އަޅުގަނޑުމެން އަރައިގަތީ ލަވަކިޔައިގެން. އެބޭ ސިޑިން ވެއްޓިދާނެއޭ. އަދި ރައީސް ނަޝީދު، މަނިކުފާނުގެ ވެރިކަމުގައި ޑީއާރުޕީއިން ރައީސް ނަޝީދާ ދިމާލަށް ގޮވިހާ އެއްޗެހި އިއްޒަތްތެރި ރައީސް. އަދި ރައީސް ޔާމީނާ ދިމާލަށް އަޅުގަނޑުމެން ތަންތަނުގަ ގޮވިހާ އެއްޗެހި. އެއީ އަޅުގަނޑުމެން ބޭނުންކުރާ ސިޔާސީ އުކުޅެއް. އެހުރިހާ ކަމަކީ އަޅުގަނޑުމެން އެއްބަސްވާ ކަންކަމަކަށް ވާކަށް ނުޖެހޭ.“ އީވާ ވިދާޅުވިއެވެ.

އީވާ ހާމަކުރެއްވިގޮތުގައި ޗެނަލް13 އަކީ އޭނާ ބައްލަވާ ޗެނަލެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ އެ ޗެނަލުން ދައްކާ ވާހަކަތައް ބަލަން ނުކެރުމާއި އެއްބަސްވެވަޑައިގަންނަވަން ދަތިވުމެވެ.

”އެކަމް ޗޯރު އިބުރޭ. ޗޯރު އިބުރޭ. އެމީހުން ގޮވަން ބޭނުމިއްޔާ އެމީހުން ގޮވުމަކީ އެމީހުންގެ ހައްގެއް. ދެން ރައީސް އޮފީހުން ނިކުމެފަ މިބުނަނީ ފިޔަވަޅު އަޅާނަމޭ. ދެން ޕީއެސްއެމުން މިބުނަނީ މަޖިލިސް ލައިވް ކުރުން ހުއްޓާލާނީއޭ. މީޑިއާގެ މިނިވަންކަން ގެއްލިގެން ދިއުމަކީ…“ އީވާ ވިދާޅުވިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ކުއްލި މައްސަލަ ބޭރުކޮށްލިއިރު، އެ މައްސަލައަށް ބަހުސް ކުރުމަށް މަޖިލީހުގައި ވޯޓު ނެގިއިރު ހާޒިރުވެ ތިއްބެވީ 49 މެންބަރުންނެވެ. އެކަމުގައި ބަހުސް ކުރަން ފެންނަ ކަމަށް20 މެންބަރަކު ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ26 މެންބަރުންނެވެ. ވަކިގޮތަކަށް ވޯޓު ދެއްވި މެންބަރަކު ނެތްއިރު މި ވޯޓުގައި ބައިވެރިވެވަޑައިގަތީ 46 މެންބަރުންނެވެ. ފާސްވުމަށް 24 ވޯޓު ބޭނުންވާތީ ރިޔާސަތުންވަނީ އެ މައްސަލައިގައި ބަހުސް ކުރުމަށް ފާސްނުވާކަމަށް އިއުލާން ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button