އާރްޓީއެލް އަށް ބޭނުންވާ 65 ފެރީ ބަނުމަށް އެމްޓީސީސީ އިން އަލްޝާލީ މެރިން އާއި ހަވާލުކޮށްފި

އިންޓަރގްރޭޑެޓް ޕަބްލިކް ފެރީ ނެޓްވޯރކް މަޝްރޫއުގެ ދަށުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އަށް ބޭނުންވާ 65 ފެރީ ބަނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން އަލްޝާލީ މެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި އަލްޝާލީ މެރިންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއަރމަން ހުސައިން މުހައްމަދު އަލް ޝާލީއެވެ.
މިއެއްބަސްވުމުގެ ދަށުން ބަނުމަށް ހަމަޖެހިފައި ވަނީ 50 މީހުން ޖާގައިގެ 65 ފެރީއެވެ. މި ޕްރޮޖެކްޓްގެ އަގަކީ 567 މިލިއަން ރުފިޔާއެވެ. މި ޕްރޮޖެކްޓް ދެ އަހަރު ދުވަސް ތެރޭ ނިންމުމަށް އަލްޝާލީ މެރިން އިން ވަނީ އެއްބަސް ވެފައެވެ.
ހައި ސްޕީޑް ފެރީން ރާއްޖެ ގުޅާލުމުގެ މަޝްރޫއުގެ ދަށުން މިހާރު ފޭސް 1ގެ ޒޯންތައް ކަމުގައިވާ ހއ، ހދ، އަދި ށ އަތޮޅަށް މިހާރު ވަނީ ހިދުމަތް ދޭން ފަށާފައެވެ.