ދައުލަތުން ދައުވާކުރި ކުޑަކުއްޖާގެ މައްޗަށް އުދައްޔު މަރާލިކަން ސާބިތުވެއްޖެ
ގއ. މާމެންދޫގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ދެ ގުރޫޕެއްގެ މެދުގައި ހިންގި ގްރޫޕް މާރާމާރީގައި، ތޫނު އެއްޗަކުން ހަމަލާދީ މަރާލި 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލާގައި ޖުމްލަ 4 މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ. ދައުލަތުން ދައުވާކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖާގެ އިތުރުން ގއ. މާމެންދޫ/ ރިހިފަރުދާގެ، އަހުމަދު ޝަމީމް، ގއ. މާމެންދޫ/ ބިލަތްމާގެ، ޝަރަފު ރަޝީދު އަދި ގއ. މާމެންދޫ ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި މިހާތަނަށް ކުށް ސާބިތުވެފައި ވަނީ ހަމައެކަނި 18 އަހަރުން ދަށުގެ ކުޑަކުއްޖާގެ މައްޗަށެވެ. އެ ކުޑަކުއްޖާއާ ގުޅުންހުރި އިތުރު އެއްވެސް ތަފްސީލެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެއެވެ.
18 އަހަރުން ދަށުގެ ކުޑަކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމުގެ ދައުވާއެވެ.
މި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.
ގއ. މާމެންދޫ ބޮޑުމަގު ހަތަރު އަނގޮޅި ކަންމަތީން ކަހަލަގޮތަކަށް އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު އަށް ހަމަލާދިނީ ގުރޫޕަކުންނެވެ. ހަމައެވަގުތު އުދައްޔުގެ ބޭބެ ފިރުޝާން ޒާހިރުގެ ބުރަކައްޓައް ވަޅިން ވަނީ ހަމަލާދީފައެވެ. އުދައްޔު އައްވެސް ހަމަލާދީފައި ވަނީ ދެތިން އިންޗި ދިގު ތިލަ ހުރި ވަޅިން ފުރަގަހުންނެވެ. ފުރަގަހުން ވަޅިހެރުމުގެ ސަބަބުން އުފެދުނު ފުން ޒަހަމްތަކަށް ފަރުވާދިނުމައް ގއ. މާމެންދޫ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް އުދައްޔުވަނީ މަރުވެފައެވެ. އުދައްޔު ހަށިގަނޑުން ފޭބި ލޭތަކުން ހެލްތު ސެންޓަރު ތެރޭގައި އޮތީ ލޭ ކޯރު ހެދިފައެވެ. އުދައްޔު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް ބުރަކަށީގައި ވަޅީގެ ތިލަ ހުއްޓެވެ.
ގއ.ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ދެބެން ވެސް ފޮނުވާލީ އިތުރު ފަރުވާ ދިނުމަށެވެ. އެހެން ނަމަވެސް އުދައްޔު ސަލާމަތެއް ނުކުރެވުނެވެ. އުދައްޔުގެ ބޭބެ 21 އަހަރުގެ ފިރުޝާން ޒާހިރު ހާލު އައީ މަޑުމަޑުން ރަނގަޅު ވަމުންނެވެ.
ފުލުހުން އުދައްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ބޭރަށް ވެސް ފޮނުވިއެވެ. އަދި ފުލުހުން އުދައްޔުގެ މަރުގެ މައްސަލަ އައީ ވަރަށް ގާތުން ބަލަމުންނެވެ.