އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވަން ބޭނުން ނަމަ، ޕާޓީއަށް އެކަން ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން ގެނެސްދޭ ފަށާއިރު ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ޔާމީނަށް ތާއީދު ކުރަން ބޭނުންވާނަމަ ޕާޓީއަށް އެކަން ކުރެވޭނެ ކަމަށާއި, ނަމަވެސް ކުރިންވެސް ވިދާޅުވެފައިވާ ފަދައިން އެއް ހަރަކުން މުއުމިނެއްގެ ގަޔަށް ދެ ފަހަރަށް ކައްޓެއް ނުޖެހޭނެ ކަމަށެވެ. އެހެންވެ، ޔާމީންއަށް އޭނާ ތާއީދު ނުކުރައްވާނެ ކަމަށެވެ.
މިހާތަނަށް ޖުމްހޫރީ ޕާޓީއިން އަންނަ އަހަރުގެ ކެނޑިޑޭޓަކު ނެރުމާމެދު ގޮތެއް ނުނިންމާ ކަމަށާއި އަދި ކޯލިޝަނަކާ ގުޅޭގޮތުން ވެސް މަޝްވަރާ ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ހެދުމާ ގުޅޭގޮތުން ދެކެވަޑައިގަންނަވާ ގޮތާމެދު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ގާސިމް ވިދާޅުވީ, އެކަމަށް އެއްވެސް ގޮތަކަށް ތާއީދު ނުކުރައްވާ ކަމަށާއި އަދި އެއީ އެކަމުގެ ސަބަބުން ރައްޔިތުން އިތުރަށް ނިކަމެތިވެ ކޮރަޕްޝަނުގެ ކަންކަން އިތުރުވާނެތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވިގޮތުގައި ބަރުލަމާނީ ނިޒާމެއްގައި ހުރިހާ ވުޒާރާތަކެއް ހިންގުމުގައި ތިބޭނީ މަޖިލިސް މެމްބަރުންނަށް ވުމުން ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެ ކަމަށެވެ.
އެމްޑީޕީހަރުން ގާސިމުގައިގަ 2 ފަހަރަށްކަށިޖަހައިފި މިއަދުތިދައްކަނީ އެވާހަކަ