
އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ޖަނާޒާއަށް ރައީސް އިބްރާހިމް ސޯލިހު އެގައުމަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވެފައި ވަނީ އުމުރުން 96 އަހަރުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
ރާނީ އެލިޒަބަތު އަވަހާރަ ވުމާގުޅިގެން ރާއްޖޭގައިވެސް ވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް ފާހަގަކޮށްފައެވެ. އެގޮތުން ރައީސް ޝާހީ އާއިލާ އަށް ރައީސް ތައުޒިޔާ ވިދާޅުވުމުގެ އިތުރަށް އެ ހިތާމައިގައި ރާއްޖޭގެ ގައުމީ ދިދަ ތިން ދުވަހަށް ބައި ދަނޑިއަށް ތިރިކުރިއެވެ. އަދި ރައްޔިތުން މަޖިލީހުގައި ރާނީއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ސުކޫތެއްވެސް ބޭއްވިއެވެ.
އެލިޒަބަތުގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހުއެވެ. ޖަނާޒާގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ޖަމަޖެހިފައިވެ އެވެ. ޖަނާޒާ އޮންނަނީ ލަންޑަންގައެވެ.
ރައީސް ސޯލިހު މިޖަނާޒާގައި ބައިވެރި ވެޑައިގަންނަވާނެކަން ރައީސް އޮފީހުން މިހާރުވަނީ ކަށަވަރުކޮށް ދީފައެވެ. އެހެންނަމަ ވެސް ރައީސް ސޯލިހު އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވާ ދުވަހެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.