ޚަބަރު

މާލޭގެ ދެކުނު ބަނދަރުގައި ކެމެރާ ހަރުކުރުން: އޮޑިވެރިންގެ ދިގު އިންތިޒާރަށް ނިމުމެއް!

މާލޭގެ ދެކުނު ބަނދަރުގައި އަޅާފައި ހުންނަ ލޯންޗާއި، އޮޑިފަހަރަށް ގެއްލުން ދީ ތަކެތި ވަގަށް ނަގާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން އެ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކޮށްފިއެވެ.

‏މާލެ ދެކުނުބަނދަރުން ހިދުމަތް ހޯދާ އުޅަނދުފަހަރުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ފެނުގެ ހިދުމަތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު އިއްޔެ ވަނީ ބާއްވާފައެވެ.

އެގޮތުން މޭރީ ބްރައުން ކަންމަތިން ފެށިގެން ސްޓެލްކޯ ޕަމްޕް ސްޓޭޝަނާ ހަމައަށް މުޅި ފަޅުތެރޭގައި 15 ކެމެރާ ސައުވީސް ގަޑިއިރު، މޮނިޓަރ ކުރަން ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ. އެއީ ސިޓީ ކައުންސިލުން ފެށީ މާލެ ސިޓީ ސީސީޓީވީ ޕްރޮގްރާމްގެ 2 ވަނަ ފިޔަވައްސެވެ. ފުރަތަމަ ފިޔަވަހި ނިންމައި އޮޕަރޭޝަނަށް ގެނެސްފައިވާއިރު އެއީ މާލެ އާއި ވިލިމާލޭގެ ހުރިހާ މިސްކިތެއް ކެމެރާގެ ނިޒާމުން ސައުވީސް ގަޑިއިރު ބެލެހެއްޓުމުގެ މަސައްކަތެވެ. އަދި ފޭސް 3 ގެ ދަށުން މާލޭގެ އުތުރު ފަރާތު ފަޅުތެރެ ބެލެހެއްޓުމަށް ސީސީޓީވީ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރާނެ ކަން ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅިގެން އޮޑިވެރިޔަކު ”ބޮންތި“ އަށް މައުލޫމާތު ދެމުން ބުނީ ފެނުގެ ހިދުމަތް ލިބި ގައުމީ ފެންވަރުގައި ކެމެރާ ސިސްޓަމް ބެހެއްޓިގެން ދިއުމުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމުގައެވެ.

”ކޮންމެ ފަހަރަކު ފެން އަޅަން މި ޖެހެނީ ޓީ ޖެޓީއަށް ދާން. މިއީ 300 އަށް ވުރެ ގިނަ ލޯންޗުފަހަރަށް ލިބުނު ފަސޭހައެއް. ވަރަށް ހިތްހަމަޖެހޭ.“ އޭނާ ބުންޏެވެ.

އެމީހާ ބުނީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކެމެރާ ސިސްޓަމްގެ ތެރެއިން އޮޑިފަހަރު ބެލެހެއްޓިގެން ދާ ދިއުން ކަމުގައެވެ.

މާލެ އަކީ އެންމެނަށްވެސް އަމާން ރައްކާތެރި މާހައުލަކަށް ހެދުމަކީ ސިޓީ ކައުންސިލްގެ ވަރަށް ބޮޑު އަމާޒެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button