ދުނިޔޭގައި އިންސާނާ ކުރާ އަމަލުތައް ފަތެއްގެ ގޮތުގައި އޭނާ ދެކޭނެ: ހުތުބާ

ދުނިޔޭގައި އިންސާނާ ކުރާ އަމަލުތައް ފަތެއްގެ ގޮތުގައި އޭނާ ދެކޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނީ ކިތަންމެ ކުޑަ އަމަލެއް ވިޔަސް އަދި ބޮޑު އަމަލެއް ވިޔަސް އެމީހެއްގެ ފަތުގައި ލިޔެފައިވާތަން ދެކޭނެ ކަމުގައެވެ. އާހިރަތް ދުވަހަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ހަގީގަތްތަކުގެ ތެރެއިން އެއް ކަމަކީ، ދުނިޔޭގައި އިންސާނާ ކުރާ އަމަލުތައް ފަތެއްގެ ގޮތުގައި އޭނާ ދެކޭނެކަމަށް އީމާން ވުމެވެ.
މީސްތަކުން ކިތަންމެ ވަންހަނާ ގޮތެއްގައި ކުރާ އަމަލަކަސް އިންސާނަކު ކުރާ އަމަލެއް މާތް ރަސްކަލާނގެ ދެނެވޮޑިގަންނަވާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ސުވަރުގޭގެ ވަސީލަތަކީ އެމީހަކު ކޮށްފައިވާ ހެޔޮ އަމަލު ކަމަށް ވާއިރު، ހެޔޮ އަމަލު ކުރުމުގައި ފަސް ނުޖެހުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
ގިޔާމަތް ދުވަހުން އެމީހެއްގެ ފަތް ކަނާތަށް ލިބިއްޖެ މީހަކީ ބާއްޖަވެރިއެއް ކަމަށާއި، އެމީހެއްގެ ފަތް ފުރަގަހުން (ވާތަށް) ދެވިއްޖެ މީހަކީ އަބާއްޖަވެރިއެއް ކަން ހުތުބާގައި ބަޔާންކޮށްފައިވާއިރު، ދުނިޔެ އެދޭ އަޅަކަށް ދުނިޔަވީ ހުރިހާ ކަމެއް މިންވަރު ކުރެއްވުމާއި، އާހިރަތް އެދޭ މީހާއަށް، ބާއްޖަވެރި އާހިރަތެއް ލިބުމުގައި އޮތީ މާތް ރަސްކަލާނގެ އިރާދަފުޅުކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.