
މީޑިއާތަކުގެ ބޭނުން ރަނގަޅުގޮތަށް ހިފުމަކީ ގައުމީ އަދި ދީނީ ޒިންމާއެއް ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާރޒް އިމްރާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީގެ ޓްވިޓަރ މެދުވެރިކޮށް އިމްރާން ވިދާޅުވެފައިވާގޮތުން، އެވަގުތެއްގައި މުޖުތަމައުގެ ތެރޭގައި އޮންނަ ހަމަތަކެއް ކަނޑައަޅާނީ، މީޑިއާތަކުންނެވެ. ހަމަ އެއާއިއެކު ގެންގުޅެންވީ ސުލޫކާއި، މުޖުތަމައެއްގެ ތެރޭގައި ހިފަހައްޓަންވީ މިންގަނޑުތައް ކަނޑައެޅުމަކީވެސް, އެ ވަގުތެެއްގައި އޮތް މީޑިއާއެއް އަދާ ކުރަންޖެހޭ މަސްއޫލިއްޔަތާއި ޒިންމާއެއްކަމަށް އިމްރާން ވިދާޅުވިއެވެ.
މީގެ އިތުރުންވެސް މީޑިއާތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތާއިމެދު ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން މީޑިއާތަކުގެ ޒިންމާ އަދާކުރުމަށް ފުރުސަތު ހަނިވެގެންދާފަދަ އަމަލުތަކެއް ނުހިންގާނެކަމަށެވެ. ޒިންމާދާރުކާމާއި، އަދަލުވެރިކަމާއިއެކު ރަނގަޅު ގޮތުގައި މީޑިއާ ބޭނުން ކުރުމަކީ، ގައުމީ އަދި ދީނީ ބޮޑު ޒިންމާއެއްކަމަށްވެސްް އޭނާ ވިދާޅުވިއެވެ.