އައްޑޫ ސިޓީ ހިތަދޫ ގެއަކުން ވަގަށްނެގި ތަކެތި ފުލުހުން ހޯދައިފި
އައްޑޫ ސިޓީ ހިތަދޫ ގެއަކުން ވަގަށް ނެގި ތަކެތި ފުލުހުން ކުރި މަސައްކަތުން ހޯދައިފިއެވެ.
އެގޮތުން، ގެއަކުން ތިޖޫރީއެއް ވަގަށް ނަގާފައިވާ ކަމަށް މިއަދު ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން ތިޖޫރީވަނީ ހޯދާފައެވެ. ތިޖޫރީ ހޯދާފައިވަނީ އެ ރަށު ފަޅު ތަނެއްގައި ވަޅުލާފައިވަނިކޮށެވެ. ތިޖޫރީގައި ޕާސްޕޯޓު ތަކަކާއި ޑޮރަލު ތަކަކާއި ޗެކް ފޮތްތަކެއްގެ އިތުރުން އެހެނިހެން ތަކެތި ހުއްޓެވެ.
މި މަހު 30 ވަނަ ދުވަހު ސައިކަލެއް ވަގަށްނަގާފައިވާ ކަމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ސައިކަލު ހޯދުމަށްވެސް ހާއްސަ މަސައްކަތްތަކެއް ފުލުހުން ކޮށްފައިވެއެވެ. އެގޮތުން އެ ރަށު ފަޅު ގެއެއްގައި، ސައިކަލު ރޫޅާލާފައި ހުއްޓާ ވަނީ ހޯދާފައެވެ.
އޭގެ އިތުރުން، މި މަހު 29 ވަނަ ދުވަހު ހިތަދޫ ގެ އަކުން އޭސީ އައުޓް ޑޯ ޔުނިޓެއް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވެއެވެ. އެ މައްސަލައާ ގުޅިގެން އޭސީ އައުޓް ޑޯ ޔުނިޓް ހޯދުމަށް ފުލުހުން މަސައްކަތްކުރަމުން ދަނިކޮށް، ދެ މީހަކު އެ އަންދާލުމުގެ މަސައްކަތްކުރަމުން ދަނިކޮށް ވަނީ ފެނިފައެވެ. އެ މައްސަލައާ ގުޅިގެން 45 އަހަރުގެ ދިވެހި ފިރިހެނަކާއި 54 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވެއެވެ.
މި ތިން މައްސަލަވެސް ހިތަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.