ޚަބަރުސިޔާސީ

އާރަށު މުއާމަލާތް ހިނގުމުގެ އެތައް ޒަމާނެއް ކުރީގެ އޯޑިއޯއެއް ހާމަކުރަން ދައުލަތުން މަސައްކަތް ކޮށްފި

ވ.އާރަށު މުއާމަލާތް ހިނގުމުގެ އެތައް ޒަމާނެއް ކުރީގެ އޯޑިއޯއެއް ހާމަކުރަން ދައުލަތުން މަސައްކަތް ކޮށްފިއެވެ.

މިކަން ހިނގާފައިވަނީ އެ މައްސަލައިގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ރިޝްވަތު ނެންގެވި ކަމަށާއި، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައިގައި މިއަދު ހެނދުނުން ފެށިގެން ކްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔަ އަޑު އެހުމުގައެވެ.

މިއަދުގެ ހެނދުނުގެ ދަންފަޅީގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔާތުގެ ހެކިބަސް ނެގުމަށްފަހު މެންދުރުފަހުގެ ދަންފަޅީގައި ކުރިޔަށް ދިޔައީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކިބަސް ނެގުމެވެ. އެގޮތުން ދައުލަތުން އަދީބު އާއި ސުވާލު ކުރަމުން ގޮސް ވަނީ ރައީސް ޔާމީނާއި އަދީބު އާއި ދެމެދު ހިނގާފައިވާ ފޯނު ކޯލު މުއާމަލާތެއް ކަމަށް ބެލެވޭ އޯޑިއޯއެއް އަޑު އިއްވުމަށް މަސައްކަތް ކޮށްފައެވެ.

އެކަމަކު އެ އޯޑިއޯއަކީ 2013 ގެ އޯޑިއެއް ކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ދިފާއީ ވަކީލު އާދަމް ޝަމީމް ވަނީ ދައުލަަތަށް އެކަން ނުކުރެވޭނެ ކަން ބަޔާންކޮށް އެކަމަށް އިއުތިރާޒު ކުރައްވާފައެވެ. އަދި އާރަށުގެ މުއާމަލާތް ހިނގީ 2015 ގައި ކަން އޭނާ ފާހަގަކުރެއްވިއެވެ. އެކަމާއި މެދު ދައުލަތުން ވިދާޅުވާނީ ކީކޭތޯ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު އެއްސެވުން ދައުލަތުން ވިދާޅުވީ އާރަށުގެ މުއާމަލާތާއި ސީދާގޮތުން ގުޅުމެއް ނެތް ނަމަވެސް ނުސީދާގޮތުން މައްސަލައާ ގުޅުން އޮތް ކަމުގައެވެ. ދައުލަތުން އެކަމަށް އެއްބަސްވުމަށްފަހުވެސް އޯޑިއޯ ހާމަކުރަން ތަފާތު އެކި އެކު އުޒުރާއި ބަހަނާ ވަނީ ދައްކަވާފައެވެ.

ދައުލަތުން ވިދާޅުވީ އަދީބަށް އެކި ކަންކަމުގައި ރައީސް ޔާމީން ގުޅުއްވައިގެން ނުފޫޒު ފޯރުވާކަން ސާބިތުކޮށްދިނުމަށް އޯޑިއޯއަކީ މުހިންމު ހެއްކެއް ކަމުގައެވެ. އެކަމަކު މައްސަލައަކީ އާރަށުގެ މުއާމަލާތާ ގުޅޭގޮތުން ނުފޫޒު ފޯރުވުން ކަމަށާއި، އެކަން ދައުލަތުގެ ބަހުންވެސް އެނގޭ ކަމަށް ދިފާއުން ވިދާޅުވުމުން ޝަރީއަތުން ނިންމީ ފަހުގެ މައްސަލައަކަށް އެ އޯޑިއޯތައް ޕްލޭ ނުކުރެވޭނެ ކަމުގައެވެ. އެހެން ނަމަވެސް ޝަރީއަތަށް އޯޑިއޯ ބަލައިނުގަތީއެއް ނޫން ކަމާއި، އެކަމަށް ފަހުން ގޮތެއް ކަނޑައަޅުއްވާނެކަން ޝަރީއަތުން ފާހަގަކުރިއެވެ.

އޯޑިއޯ ޕްލޭ ނުކުރެވުމުން އޯޑިއޯގެ ކޮންޓެންޓު އަޑު އިވޭގޮތަށް އަނގަބަހުން ދައުލަތުން ވިދާޅުވެ ސުވާލު ކުރަން ފެށުމުން ދިފާއުން ވަނީ އަނެއްކާވެސް އެކަމަށް އިއުތިރާޒު ކޮށްފައެވެ. އެއާއެކު ގާޒީ ޝަކީލު ވަނީ ދައުލަތަށް އެ ފުރުސަތު ނުދެވޭނެ ކަމަށާއި، ދައުވާ އާއި ގުޅުން ހުރި ކަންކަމާ ގުޅޭގޮތުން ސުވާލު ކުރެއްވުމަށް ދައުލަތަށް އަންގަވާފައެވެ.

މިއަދުގެ އަޑުއެހުމުގައި އަދީބު ވިދާޅުވީ އާރަށުގެ މުއާމަލާތާ ގުޅޭގޮތުން ދައުވާ ލިބޭ ދެވަނަ ފަރާތް ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ދަންނަ ކަމުގައެވެ.

”ޔޫސުފް ނައީމް ދަންނަން. މެސެޖު ކުރައްވާ. ރަށްތަކުގެ ކަންކަމުގައި މެސެޖު ކުރައްވާ. ޝަރީއަތަށް އަޅުގަނޑު ދިން ފޯނުތަކުން އެނގޭނެ. ފެންނަން ހުންނާނެ. ބައެއް މެންބަރުންގެ ވޯޓާއި، އެމްޑީޕީ މެންބަރުން ޕީޕީއެމަށް ބަދަލު ކުރުމާއި، މިވެނި އެވެނި ރަށެއް ކުއްޔަށް ދިނުމުން 1 މިލިއަން ޑޮލަރު ނުވަތަ 25 އިން ސައްތަ ދޭނެ ކަމަށް ވެސް ވިދާޅުވި. 2015 ވަނަ އަހަރު ޓުއަރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުއްޓާ ވ.އާރަށަށް އިންވެސްޓަރުން ތިބި ކަމަށާއި، އެރަށް ލިބިއްޖެއްޔާ 1 މިލިއަން ޑޮލަރާއި 5 ޕަސެންޓު ޕްރޮކްސީ އަކަށް ލިބޭނެ ކަމަށްވެސް ވިދާޅުވި.“ އަދީބު ވިދާޅުވިއެވެ.

އެއާއެކު އެއީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްނީމް އަލީގެ ރަށެއް ކަމަށާއި، އެރަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ ނަމުގައި އޮއްވައި، ޓޫރިޒަމްގެ ބޭނުމަށް ނުދެވޭނެ ކަމަށާއި، އެކަން ކޮށްދެވޭނީ ރައީސް ޔާމީނަށްކަން ޔޫސުފް ނައީމަށް ދެންނެވިކަން އަދީބު ފާހަގަކުރެއްވިއެވެ.

އަދީބު ވިދާޅުވީ އާރަށުގެ ކަންކަން ނިންމުމަށް ރައީސް ޔާމީން އެންގެވިކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް ޔާމީން ވިލަރެސް ކުރައްވާ ކެބިނެޓްގެ ސަބް ކޮމެޓީއެއް ކަމަށްވާ އިކޮނޮމިކް ޔޫތު ކައުންސިލްގަ އާރަށުގެ މުއާމަލާތް ހިންގުމަށް އެޖެންޑާ ކުރީ އެމަނިކުފާނު ބޭނުންފުޅުވެގެންކަން އަދީބު ފާހަގަކުރެއްވިއެވެ.

”އެޖެންޑާ ހުށަހެޅީ ފިޝަރީޒްގެ ނަމުން ޓުއަރިޒަމްގެ ނަމަށް ބަދަލުކުރަން. އޭރުވެސް ޔޫސުފް ނައީމް ގުޅުއްވާ އަޕްޑޭސް ބަލަން ރައީސް ވިދާޅުވެގެން. ދެން ޒިޔާތު އާ މަޝްވަރާ ކުރީ އަޅުގަނޑު. ބިޑަށް ލިޔަސް 5 މިލިއަން ޑޮލަރު އެރަށުގެ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި ލިބޭނެ. އެކަމަކު 3 މިލިއަނަށް ނިންމަން ރައޫސް ޔާމީން ވިދާޅުވި. ޔޫސުފް އަކީ ގާތް މީހެކޭ ލައްކަ ކަންކަން ކޮށްދިނޭ. އެފަހުން ވިދާޅުވީ 2 މިލިއަން ޑޮލަރު ނަގަން.“ އަދީބު ވިދާޅުވިއެވެ.

އަދީބު މިފަދައިން ވާހަކަ ދެއްކެވުމަށްފަހު ވިދާޅުވީ ރައީސް ޔާމީން އިކޮނޮމިކް ޔޫތު ކައުންސިލް ވިލަރެސް ކުރައްވަނީ ވަރަށް މަދުން ކަމަށާއި، ގިނައިން އެ ކޮމެޓީ ޗެއާ ކުރައްވަނީ އޭނާ ކަމުގައެވެ.

”ރައީސް ޔާމީނަށް 1 މިލިއަން ޑޮލަރު ދެއްވިކަމަށް ޔޫސުފް ނައީމް ވިދާޅުވި.“ އަދީބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ރައީސް ޔާމީން ފައިސާ ހޯއްދެވީ ރިޔާސީ އިންތިހާބަށާއި، މަޖިލިސް އިންތިހާބަށާއި، މެންބަރުން ގަތުމަށާއި، ނައިބު ރައީސަކު ވަކި ކުރުމަށް ހަރަދު ކުރުމަށެވެ. އަދި އެމްއެމްޕީއާރުސީ މެދުވެރިކޮށް ފައިސާ ނެގުމާއި އަމިއްލަ ފުޅު އެކައުންޓަށް ޖަމާކުރުމުގައި ރައީސް ޔާމީން އަދީބަށް ނުފޫޒު ފޯރުވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އަދީބުގެ މިވާހަކަތާކާއި ގުޅިގެން ރައީސް ޔާމީންގެ ދިފާއީ ވަކީލު އާދަމް ޝަމީމް ވަނީ އޭނާ އާއި ސުވާލުތަކެއް ކުރައްވާފައެވެ. އެގޮތުން 3 ހެކްޓަރުގެ ރަށެއްގެ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި 5 މިލިއަން ޑޮލަރު ކަނޑައެޅީ ކިހިނެއްތޯ އަދީބު އާއި ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވުނެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކުރިން ދައުވާ އުފުލައި، ޖަލަށްލި ގއ.ވޮޑަމުލާ އަކީ 22 ހެކްޓަރުގެ ރަށެއް ކަމަށާއި، އެރަށުގެ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި އެންމެ އެއް މިލިއަން ޑޮލަރު ނެގުމަށް ނިންމީ ކޮން އުސޫލަކުންތޯ ޝަމީމް ސުވާލު ކުރެއްވުމުން ދައުލަތް މެދުވެރިކޮށް ޝަރީއަތުން ވަނީ ޝަމީމް ހުއްޓުވާފައެވެ.

ޝަރީއަތުން ޝަމީމް ހުއްޓުވުމާ ގުޅިގެން އޭނާ ވިދާޅުވީ އަދީބަކީ ރައީސް ޔާމީންގެ އަދާވާތްތެރިއެއް ކަމަށާއި، އެމަނިކުފާނުގެ އަދާވާތްތެރިއަކާ އިތުރަށް ކުރަން ޖެހޭ ސުވާލެއް ނެތް ކަމުގައެވެ.

މި މައްސަަލައިގެ އަޑު އެހުމެއް މާދަމާވެސް އޮންނާނެ ކަމަށާއި، އިދާރީ މޭޒުން ގަޑި އަންގާނެކަމަށް ޝަރީއަތުން އިއުލާން ކުރުމަށްފަހު މިއަދުގެ އަޑު އެހުން ވަނީ ނިންމާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button