ޚަބަރުސިޔާސީ

އިއުތިރާފް އެއްބަސްވުމާ ގުޅޭގޮތުން ފަނޑިޔާރު ކުރިމަތީގައި ޒިޔާތު ދޮގު ހަދައިފި

އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތު ދައުލަތާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމާ ގުޅޭގޮތުން ގުޅޭގޮތުން ފަނޑިޔާރު ކުރިމަތީގައި ދޮގު ހަދައިފިއެވެ.

މިކަން ހާމަވެފައިވަނީ އެ މައްސަލައިގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރިޝްވަތު ނެންގެވި ކަމަށާއި، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައިގައި މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައެވެ.

ދައުލަތުގެ ފަރާތުން މިއަދު ހެއްކެއްގެ ގޮތުގައި ހާޒިރު ކުރީ ޒިޔާތުއެވެ. ޒިޔާތު ވަނީ އޭނާ އާއިއެކު ދައުލަތުން ހެދި ހިޔާނާތުގެ އިއުތިރާފުގެ އެއްބަސްވުމުގައި ސޮއި ކުރި ތާރީހާއި ގުޅޭ ގޮތުން ޝަރީއަތުގެ މަޖިލީހުގައި ދޮގު ހަދާފައެވެ. އޭނާ ބުނީ އިއުތިރާފުގެ އެއްބަސްވުން ހެދީ އޭނާގެ މައްޗަށް މިހާރު ސާބިތުވެފައިވާ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތައް ކޯޓުން ނިންމި ފަހުން ކަމުގައެވެ. އެކަމަކު ޒިޔާތުގެ މައްޗަށް މިހާރު ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މައްސަލައަކީ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އޭނާ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވި ކަންކަމެވެ. އޭގެ ތެރޭގައި ހިޔާނާތް ހިންގި ކަމަށާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބުނެގެން ރަށްތަކާއި ފަޅުތަކަށް ޖަމާކުރި ފައިސާ އެކި ކަންކަމަށް ބޭނުންކުރިކަން ”ބޮންތި“ އަށް ވަނީ އެނގިފައެވެ.

ދައުލަތުން ކުރި ސުވާލެއްގެ ޖަވާބުގައި ޒިޔާތު ވަނީ އެ މައްސަލައިގައި ދެން ދައުވާ ރައްދުވާ ޔޫސުފް ނައީމަށް އާރަށް ކުއްޔަށް ދޭން އޭނާ އަށް އެންގީ އަދީބު ކަމަށް ބުނެފައެވެ. އަދި އަދީބު އެގޮތައް އެންގީ ރައީސް ޔާމީން ވިދާޅުވެގެން ކަމަށް އަދީބު އާއި ހަވާލާދީ ޒިޔާތު ބުނެފައިވެއެވެ.

އެކަމަކު ރައީސް ޔާމީން އަދީބު ކައިރީގައި އެވާހަކަ ވިދާޅުވީ ފޯނުން ކަމެއް، އަނގަބަހުން ކަމެއް ނުވަތަ އެނޫން ގޮތަކަށް ކަމެއް އޭނާއަކަށް ނޭނގެއެވެ. އަދި ސީދާ ރައީސް ޔާމީން ޒިޔާތަށް އެފަދަ އެންގުމެއް އެންގި ކަމެއްވެސް ނުބުނެއެވެ. އޭނާ ބުނީ އާރަށުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި އަދީބު އާއި މަޝްވަރާ ކުރުމަށްފަހު ނިންމީ 5 މިލިއަން ޑޮލަރު ކަމަށާއި، ފަހުން 2 މިލިއަނަށް ކުޑަ ކުރީ ކަމުގައެވެ. އަދި އެގޮތަށް ކުޑަ ކުރީ އަދީބު އޭނާއަށް އަންގައިގެން ކަމަށާއި، އެކަން ކުރީ ރައީސް ޔާމީން އަންގައިގެންކަން އަދީބު އާއި ހަވާލާދީ އޭނާ ބުންޏެވެ. އެހެން ބުނުމަށްފަހު އޭނާ ވަނީ އެކަން ކުރީ އެމްއެމްޕީއާރުސީގައި ހަދާފައި އޮންނަ އުސޫލެއްގެ ތެރެއިން ކަން ފާހަގަކޮށްފައެވެ.

އާރަށުގެ މައްސަލައިގައި ރައީސް ޔާމީން އޭނާ އާއި އެއްވެސް މުއާމަލާތެއް ކޮށްފައިވާކަމެއް ނުވަތަ ނުވާކަމެއްވެސް ޒިޔާތުގެ ހެކިބަހުން ސާފެއް ނުވެއެވެ.

މިއަދުގެ އަޑު އެހުން މެންދުރު ނަމާދުގެ ވަގުތަށް މެދު ކަނޑާލުމަށްފަހު ދެން ފަށާނީ 13:15 ގައެވެ. ދެން އޮންނާނީ އަދީބުގެ ހެކިބަސް ނެގުމެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button