ޚަބަރު

މިނީ ބަހަށް ދަތިކުރާ އުޅަނދުތައް ޖޫރިމަނާކޮށް ޓޯ ކުރާނަން: ފުލުހުން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމުގައިވާ 100 ދުވަހުގެ ތެރޭގައި ތައާރަފް ކުރަން ނިންމި މިނީ ބަހުގެ ހިދުމަތް އިއްޔެ ތައާރަފް ކުރުމާ ގުޅިގެން ބަސް ދުއްވާ ރޫޓަށް ދަތިވާގޮތަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ޖޫރިމަނާކޮށް ޓޯ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ބުނީ މިނީ ބަހުގެ ހިދުމަތް ފެށުމާއެކު މާލޭގެ ބައެއް މަގުތަކުގައި އުޅަނދު ޕާކު ކުރުން މަނާކޮށް، ޕާކު ކުރުމުގެ އިންތިޒާމްތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމުގައެވެ. އެގޮތުން، ބަސް ރޫޓަށް އުނދަގޫވާގޮތަށް، ޕާކު ކުރުން މަނާ ކޮށްފައިވާ ސަރަހައްދުތަކުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކަރ ޖެހުމުގެ އިތުރުން، ޓޯ ކުރަން ޖެހޭ ހާލަތްތަކުގައި ޓޯ ކުރަމުން ގެންދާނެ ވާހަކަ ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ނިޒާމުގެ ތެރެއިން ކުރިއަށް ގެންދާ މިނީ ބަހުގެ ދަތުރުތައް މާލެ ތެރޭގައި އިއްޔެ ފެށުމާއި އެކު ޓްރެފިކަށް ވަނީ ބާރު ބޮޑުވެފައެވެ. އަދި ބަހުގެ ދަތުރުތައް ކޮންމެ ދުވަހެއްގެ ވެސް ފަތިހު 05:45 އިން ދަންވަރު 00:15 އަށް އޮވެއެވެ. ކޮންމެ ބަސް ސްޓޮޕަކުން ވެސް 10 މިނެޓާއި 15 މިނެޓާ ދެމެދު ބަހެއް ދަތުރު ފަށާނެއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ ޚިދުމަތް އިއްޔެއިން ފެށިގެން ދެ ހަފްތާގެ މުއްދަތަށް އެއްވެސް އަގަކާ ނުލައި، ހިލޭ ދިނުމަށްފަހު މިނީ ބަހުގެ ދަތުރަކަށް ކުރިޔަށް އޮތް ތަނުގައި ނަގަން ނިންމާފައިވަނީ ހަތް ރުފިޔާއެވެ. އެކަމަކު 65 އަހަރުން މަތީގެ މީހުންނަށާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑު ދެއްކުމުން ހިލޭ ދަތުރު ކުރެވޭނެ އެވެ. އަދި ޔުނީފޯމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ބަހުގައި ހިލޭ ދަތުރު ކުރެވޭނެއެވެ.

މިނީ ބަހުގެ ހިދުމަތް ފޯރުކޮށްދޭން ހަމަޖެހިފައިވަނީ ތިން ރޫޓަކުންނެވެ. އެއީ، އަމީނީ ރޫޓް، ސޯސަން ރޫޓް އަދި އޯކިޑް ރޫޓެވެ. މާލޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މި ތިން ރޫޓްގައި ޖުމްލަ 40 ބަސް ހުއްޓި ހުންނާނެއެވެ. މި ހިދުމަތުގައި 18 ބަސް މާލޭގައި ހަރަކާތްތެރިވާނެއެވެ. އޭގެތެރެއިން އަށް ބަހަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން އަރާ ފޭބޭގޮތަށް ރޭމްޕް އަދި ފުރޮޅުލީ ގޮނޑި ހުންނަ ބަސްތަކެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button