11 ދުވަސް ފަހުން ޕްލެޓްފޯމް ނަގައި ފަރަށް ލިބުނު ގެއްލުން ބަލަނީ
ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިން ގެނައި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އުރުނުތާ ބަރާބަރު 11 ދުވަސް ފަހުން ފުންކޮށްފިއެވެ.
މިމަހުގެ 16 ވަނަ ދުވަހު އުރުނު “ޔުވްރާޖު” ނަމަކަށް ކިޔާ ޕްލެޓްފޯމު ދެ ދުވަސް ތެރޭގައި ނަގާނެ ކަމަށް ބުނީ މިދިޔަ އަންގާރަ ދުވަހުގައެވެ. އެކަމަކު ޕްލެޓްފޯމު ނެގުނީ އޭގެ 4 ދުވަސް ފަހުން މިއަދެވެ.
ޕްލެޓްފޯމުގެ ސަބަބުން ވިލިމާލެ ފަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ޕްލޭނިންގެ މިނިސްޓްރީ އާއި އެފްކޮންސް އާއިއެކު އަންގާރަ ދުވަހު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.
އީޕީއޭއިން ބުނިގޮތުގައި ވިލިމާލެ ފަރުން ޕްލެޓްފޯމް ނެގުމަށްފަހު ފަރަށް ލިބިފައިވާ ގެއްލުން ބަލާނެއެވެ. މި މައްސަލައިގައި ތިމާވެށީގެ މާހިރުންނާއި، މާލެ ސިޓީ ކައުންސިލްގެ އިތުރުން އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.