ޚަބަރުސިޔާސީ

 އަމިއްލަ ރަށުގައި ގައުމަށް ހިދުމަތް ކުރެވޭނެ ގޮތްތައް ބެލުމަށް ރައީސް ދަރިވަރުންނަށް އަންގަވައިފި

އަމިއްލަ ރަށުގައި ގައުމަށް ހިދުމަތް ކުރެވޭނެ ގޮތްތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދަރިވަރުންނަށް އަންގަވައިފިއެވެ.

އެމަނިކުފާނު ދަރިވަރުންނަށް މިކަމަށް ގޮވައިލެއްވީ، މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިޖަލްސާގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދާއި، ނައިބު ރައީސް ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ދަރިވަރުންނަކީ ކޮންމެ ކޮންމެ ފިކުރަކަށް ނުހެއްލޭ، ހޭލުންތެރި ބަޔަކަށްވުމަށް ޢަޒުމް ކަނޑައަޅައިގެން، ދުނިޔެ އާއި ރާއްޖޭގެ އާޖުފާޖު ދަންނަ މީހަކަށްވެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން އިސްލާމީ އަގުތައް ހިފަހައްޓައި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް، ދަރިވަރުންގެ ޒުވާން ހަކަތަ ބޭނުން ކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސް ވިދާޅުވީ، މިފަހަރުގެ އަރުތަވެރިންގެ ކާމިޔާބީ ރަމްޒުކޮށްދެނީ، ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ކުދިން ތައްޔާރުކޮށްދިނުމުގައި ސްކޫލުތަކުންނާއި ބެލެނިވެރިން ކުރެއްވި ބުރަ މަސައްކަތްކަމަށެވެ. އަދި ކޯވިޑްގެ ދަތިކަމުގެ ތެރޭގައި ސްކޫލްތަކުންނާއި ބެލެނިވެރިން އުފުއްލެވި ބުރަ އިޙްސާސް ކުރެއްވޭ ކަމަށާއި، އެ ދަތިކަމުގެ ތެރޭގައި ދުނިޔޭގެ ފެންވަރުން ވެސް މަތީ ވަނަތަކެއް ރާއްޖޭގެ ދަރިވަރުން ޙާޞިލްކުރީ، ޓީޗަރުންނާއި ބެލެނިވެރިންގެ ވަރަށް މަތިވެރި ޤުރުބާނީއެއްގެ ސަބަބުން ކަމުގައި ވިދާޅުވިއެވެ. އަދި އެއީ އެމަނިކުފާނު ދެކެވަޑައިގަންނަވާ، ގޮތުގައި އެބޭފުޅުން ޤައުމަށްޓަކައި ކޮށްދެވި ވަރަށް އަގުހުރި މަސައްކަތެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ތަޢުލީމީ ޒުވާން ޖީލެއް ފައްކާވެ، ޤައުމީ ޚިދުމަތަށް ނުކުންނަ އިރު، ނަތީޖާ ނެރެވޭނެ މަގުތައް ކޮށައިދިނުމަކީ، ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ތަރައްޤީ ލާމަރުކަޒުވެގެން ދާވަރަކަށް، ވަޒީފާއާއި ޟަރޫރީ ޚިދުމަތްތައް ހޯދުމަށްޓަކައި، ހިޖުރަކުރަންޖެހޭ މިންވަރު ދަނީ ދަށްވަމުންކަމަށާއި، މިއަދު ދަރިވަރުންވެސް ވިސްނަންވީ އެންމެ މުހިންމު އެއް ކަމަކީ، އެ ކުއްޖެއްގެ އަމިއްލަ ރަށުގައި މައިންބަފައިންނާއި ޢާއިލާއާ އެކުގައި ތިބެގެން، ޤައުމަށް ޚިދުމަތް ކުރެވޭނެ ގޮތްތައް ބެލުމަށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޒަމާން ބަދަލުވެ ވަސީލަތްތައް ތަފާތުވެއްޖެކަމަށާއި، ކަންކުރަމުން އައި އާދަކާދަ ވެސް ބަދަލުވެފައިވާ ކަމަށެވެ. އަދި ރައްޔިތުން ތަރައްޤީއަށް ކުރާ އުންމީދުތަކާ އެއް މިސްރާބަށް ސަރުކާރުގެ ތަޢުލީމީ ސިޔާސަތުވެސް މިވަނީ ދީލާލެވިފައި ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މިނިމުނު ދިރާސީ އަހަރަކީ، ރާއްޖޭގައި މަތީ ޘާނަވީ އިމްތިހާންތަކާއި ޘާނަވީ އިމްތިހާންތަކުގެ އެންމެ ނަތީޖާ ރަނގަޅު އަހަރެވެ. ޘާނަވީ ތަޢުލީމު ނިންމައި، މިއަހަރު ދިވެހިރާއްޖެއިން 5955 ދަރިވަރުން އެސް.އެސް.ސީ އަދި އޯލެވެލް އިމްތިޙާނުތަކުގައި ބައިވެރި ވިއިރު، މަތީ ޘާނަވީ ތަޢުލީމު ނިންމައި، ރާއްޖެއިން 2641 ދަރިވަރުން ވަނީ އެޗް.އެސް.ސީ އަދި އޭލެވެލް އިމްތިހާނުތަކުގައި ބައިވެރިވެފައެވެ.

ޘާނަވީ އިމްތިހާނުތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން، 757 ދަރިވަރުން ވަނީ ޤައުމީ ގަދަ 10 ގައި ހިމެނިފައެވެ. އަދި، 13ދަރިވަރަކު ވަކިވަކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގައި ހިމެނިފައިވާ އިރު، 6 ދަރިވަރަކު ވަނީ ހައި އެޗީވްމަންޓް އެވޯޑް ޙާޞިލުކޮށްފައެވެ.

މީގެ އިތުރުން، މަތީ ޘާނަވީ އިމްތިޙާނުތައް ނިންމި ދަރިވަރުންގެ ތެރެއިން 348 ދަރިވަރަކު ޤައުމީ ގަދަ 10 ގައި ހިމެނިފައިވާއިރު، 41 ދަރިވަރަކު ވަނީ ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގެ ތެރެއިން ތެރެއިން 52 ވަނައެއް ޙާޞިލުކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button