ޚަބަރުވިޔަފާރި

ޓެކްސް ޖޫރިމަނާތައް މީރާއިން ލުއިކޮށްދީފި

ޓެކުހާއި ގުޅިގެން ކޮށްފައިވާ ޖޫރިމަނާތަކަށް ލުއި ދިނުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފިއެވެ. މީރާއިން މިކަން ހާމަކޮށްފައިވަނީ އެކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

މީގެ އިތުރުން މީރާއަށް ނުދެއްކި ހުރި ފައިސާ އިންސްޓޯލްމެންޓް އުސޫލުން ދެއްކޭނެ އުސޫލެއް ހަމަޖައްސައިދިނުމަށް ވެސް އެ އިދާރާއިން ވަނީ ނިންމާފައެވެ.

މީރާއިން ބުނެފައިވާގޮތުގައި  ޓެކްސް ދެއްކުމުގައި މި ލުއިތައް ދޭން ނިންމާފައިވަނީ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން  ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާ ދަތި ހާލަތަށް ރިއާޔަތްކޮށް އެކަމަށް ލުއިތަކެއް ހޯދައިދިނުމުގެ ގޮތުންނެވެ.

މިގޮތުން މީރާއަށް އިންސްތޯލްމެންޓަށް ފައިސާ ދައްކަން ހުށަހަޅާ ފަރާތްތަކުން، މީގެ ކުރިން ދައްކާ ކޮމިޓްމެންޓް ޕޭމަންޓަށް ވުރެން ކުޑަ މިންވަރެއް ދެއްކުމުން އިންސްޓޯލްމެންޓް އެއްބަސްވުމަށް އާދެވޭނެ އިންތިޒާމް ހަމަޖަައްސައިދޭނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އިންސްޓޯލްމެންޓް ކޮމިޓްމަންޓް ޕޭމަންޓަށް މީގެ ކުރިން، ނުދައްކާ ހުރި ފައިސާގެ %50 ދައްކަން ޖެހުނު ނަމަވެސް، މިހާރު ދައްކަން ޖެހޭނީ 5% އާއި 10% އާއި ދޭތެރޭގެ މިންވަރެކެވެ. އަދި އިންސްޓޯލްމެންޓުގެ އާއްމު އުސޫލާއި ޚިލާފަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތް ހަމަޖެއްސުމަށް މީރާއިން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މިހާރު ހިނގަމުންދާ އިންސްޓޯލްމެންޓް އެއްބަސްވުންތަކަށް ލުއި ދިނުމުގެ ގޮތުން އެ އެއްބަސްވުންތައް ރީޝެޑިއުލް ކޮށްދިނުމަށް ވެސް މީރާއިން ވަނީ ނިންމާފައެވެ. އަދި ނުދައްކާ ހުރި  ޓެކުހެއް އޮތްނަމަ އިންސްޓޯލްމަންޓް އެއްބަސްވުމަކަށް އައުމުން މިހާރު ކޮށްފައިވާ ޖޫރިމަނާ މާފް ކޮށްދޭންވެސް ވަނީ މީރާއިން ނިންމާފައެވެ. އަދި މި އުސޫލުގެ ތެރެއިން ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ކްލިއަރެންސް ރިޕޯޓްވެސް ހަމަޖެއްސޭނެ އެވެ.

މި ލުއިތައް ދީފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހަ ވާގޮތަށެވެ. އަދި މި ލުއިތައް ދިނުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ އާމްދަނީއަށް ބަދަލު އައިސްފައިވާ މިންވަރާއި، ވިޔަފާރީގެ ފަންތިއަށް ރިއާޔަތްކޮށް ކަމަށް މީރާއިން ވަނީ ބުނެފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button