ޚަބަރު

ޖާނު ގޮއްވާލާނެ ކަމަށް ބެލެވޭ މީހުން ހައްޔަރު ކުރަންޖެހޭ: ނަޝީދު

ޖާނުން ފިދާވެގެން ހަމަލާއެއް ރާއްޖޭގައި ދިނުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށާއި, އެފަދަ ހަމަލާއެއް ދިނުމުގެ ގާބިލުކަން ލިބިފައިވާމީހުން ހޯދައި, އެމީހުން ހައްޔަރު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ އަހަރީދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ފޯރަމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

”އަޅުގަނޑަށް ފެންނަނީ ވަރަށް އަނދިރި މަންޒަރެއް. އެއީ ޖާނުން ފިދާވުމުގެ ހަމަލާ އަޅުގަނޑުމެންގެ ތެރެއަށް އަންނަ ތަން. އެކަން އަޅުގަނޑުމެންގެ ތެރެއަށް އަންނާނެ.“ ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެކަންކަމަށް އަވަސް ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޖިނާއީ މައްސަލަތަކުގެ ތުހުމަތުތައް ކުރެވޭ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމުން ނުފުދޭ ކަމަށެވެ. އަދި ޖާނުން ފިދާވުމުގެ އަމަލަކީ އެފަދަ ތުހުމަތުތަކެއް ކުރެވޭ މީހެއްގެ މައްޗަށް 15 ދުވަހުގެ ބަންދު މުއްދަތު ޖެހުމަށްފަހު ދޫކޮށް ނުލެވޭނެ ކަމެއްކަން ފަނޑިޔާރުން ދަންނަން ޖެހޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.

”މިއަދު 15 ދުވަސް، 10 ދުވަސް، 5 ދުވަސް ޖަހާ ދޫކޮށްފައި، އެންމެނަށް މަގުމަތީގައި ތިބެވޭނެގޮތް ހައްދަވައިގެން ނުވާނެ.“ ނަޝީދު ވިދާޅުވީއެވެ.

ގިނަ އަދަދެއްގެ ބަޔަކު ހިފާ ހައްޔަރުކޮށްގެން ނަމަވެސް އެފަދަ ކަމެއް ދިމާވާން މެދުވެރިވާ ކަންކަން ހުއްޓުވަން ޖެހޭކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެފަދަ މީހުންނަށް ފަސޭހައިން މައާފް ލިބޭގޮގް ވުމަކީ ކަންބޮޑުވާކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރެއްވިއެވެ.

”އެފަދަ ކަމެއް ދިމާވާން މިއުޅެނީ. ގަބޫލު ކުރައްވާ. އަޅުގަނޑު އެއްޗެކޭ ބުނީމަ ބައެއް ބޭފުޅުން ބުނެފާނެ އެއީ ހަމަ އޭނަ ދެއްކި ވާހަކައެކޭ.“ ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ހާމަކުރެއްވިގޮތުގައި ގައިގައި ބަނދެގެން ބޮމެއް ގޮއްވާލުމަށް ބޭނުންކުރާ ފަހުގެ ޓެކްނޮލޮޖީ ގެންގުޅޭ މީހުންގެ ކަންކަން ވަރަށް ގާތުން ބަލައި ހިފަހައްޓަން ޖެހެއެވެ. ނަޝީދު ވިދާޅުވީ އުމްރާނީ ތަރައްގީ މުހިންމު ކަމަށާއި އެހެން ނަމަވެސް އެންމެގެ ސަލާމަތާއި ރައްކާތެރިކަމަށް މިވަގުތަށް އެންމެ މުހިންމީ އެފަދަ މީހުން ހިފާ ހައްޔަރުކުރުން ކަމަށެވެ.

”އަޅުގަނޑު ވަރަށް ސާފުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވަން ބޭނުން، ފަހަތުފިޔައަށް ބުރަވެވަޑައި ނުގަންނަވައި މިކަން އަވަހަށް ކުރައްވާށޭ. ދިވެހިރާއްޖެ ސަލާމަތް ކުރައްވަން މަނިކުފާނު ހަމަ މިހާރު ނުކުންނަވާން ޖެހެއޭ.“ ނަޝީދު ވިދާޅުވިއެވެ.

މިއީ ރައީސް ނަޝީދަށް އަމާޒުކޮށް މެއި މަހުގެ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއަށްފަހު އެމަނިކުފާނު އާންމު ފޯރަމެއްގައި ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ. އެ މައްސަލައިގެ ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރު ކުރެވުނު ނަމަވެސް ތަހުގީގު ކުރިޔަށްދާ ގޮތުގެ މާބޮޑު ތަފްސީލެއް ފުލުހުން ނުދެއެވެ. އެކަމަށް ހަރަދު ކުރި މީހުން ހޯދަން ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ސަޕޯޓަރުން އަންނަނީ ކެނޑިނޭޅި ރައީސް ސޯލިހަށް ގޮވާލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button