ޚަބަރުސިޔާސީ

މުޅި އާއިލާ ސަފާރާތަކަށް ލައި ފުރާލިއިރު ރައްޔިތުން ތިބީ ނުކައި: ޝިޔާމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ ކޯލިޝަން ސަރުކާރުގެ ވަޒީރުންނާއި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އާއިލީ ބޭފުޅުން އެމްބަސީތަކުގެ އެކި މަގާމުތަކަށް ލައި ފުރާލިއިރު، ރައްޔިތުން ތިބީ އަސާސީ ހިދުމަތުން މަހުރޫމުވެފައި ކަމުގައި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ވަޒީރުންގެ ދަރިންނާއި، ޅިޔަން ފަހަރިންގެ އިތުރުން ކާފަ ދަރިންވެސް ސަފާރާތަކަށް ލައި ފުރާލައިފިކަމުގައެވެ. ދައުލަތުގެ ދަރަނި 100 ބިލިއަނަށް އަރާފައިވާކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ ފައިސާ ޗާޕު ކުރުމުގެ ސަބަބުން ކަންކަން ވެގެންދާ ގޮތުގެ މިސާލެއް ނަންގަވާފައެވެ.

”ފައިސާ ޗާޕު ކުރީމަ މިވާގޮތަކީ ގާދިއްފުށީ ބާންސްޓޯރުގަ ކުރީގަ ހަރުގަ ޖަހާފަ ހުންނަ ތެޔޮ ފުޅި 35 ރުފިޔާ އަށް ދޭ ތެޔޮފުޅި، މިއަދު އެ ހުންނަނީ 105 ރުފިޔާއަށް. ހަރުގަ އެއްޗެހި ހުރެގެން އެކްސްޕަޔަރ ވެގެން އެ ދަނީ. ރައްޔިތުންގެ އަތުގަ ނުހުރޭ ފައިސާއެއް.“ ޝިޔާމް ވިދާޅުވިއެވެ.

މެންބަރު ޝިޔާމް ފާހަގަކުރެއްވިގޮތުގައި ކޮންމެ ޑޮލަރެއްގެ ފަހަތުން މިހާރު 18 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ފަހާ ދުވެއެވެ. އަދި އެކަމުގެ ސަބަބުން ވިޔަފާރިވެރިންނަށް އަގު ހެޔޮކޮށް ތަކެތި ނުވިއްކޭނެކަންވެސް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

”ޗާޕު ކޮށްގެން ލިބޭ ފައިސާކޮޅުވެސް މި އާއިލާތަކަށް. މީގެން ސަފާރާއެއްގެ އާދައިގެ މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތް މަޖިލިސް މެންބަރަކަށް ލިބޭ މުސާރައާއި އިނާޔަތައްވުރެ ދެގުނަ ބޮޑު.“ ޝިޔާމް ވިދާޅުވިއެވެ.

ފޮރިން ސާވިސްގެ ސައިޒް ކުޑަކޮށްގެންވެސް ދައުލަތުގެ ހަރަދު ބޮޑުތަނުން ކުޑަ ކުރަންޖެހޭކަން މިއަދުގެ ޖަލްސާގައި ޝިޔާމް ފާހަގަކުރެއްވިއެވެ. އެބޭފުޅާ ވިދާޅުވިގޮތުގައި މި ހާލަތު ބަދަލު ކުރެވެން އޮތް ހަމައެކަނި ގޮތަކީ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ޔާމީން އަބްދުލްގައްޔޫމު ވެރިކަމަށް ގެނައުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button