ޚަބަރު

އާރަށުގެ މައްސަލަ: ހެކިބަސް ފަރުމާ ކުރަން ފުރުސަތު ނުދިނުމަށް އަދީބު އާއި ޒިޔާތުގެ ހެކިބަސް އެއް ދުވަހެއްގައި ނަގަނީ

ވ.އާރަށުގެ މައްސަލަ އާއި ގުޅިގެން ހެކިބަސް ފަރުމާ ކުރަން ފުރުސަތު ނުދިނުމުގެ ގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތުގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިގޮތަށް ކޯޓުން ނިންމީ އެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުވާ ކުރާ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލު ކުރިކަމަށް ބުނާ ބުނުމުގެ ދައުވާގެ އަޑު އެހުމެއްގެ ތެރެއިންނެވެ. އެގޮތުން މިއަދު ހެނދުނު 09:30 ގައި ކޯޓުގައި އަޑުއެހުމެއް ބޭއްވީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ޝަފަހީ ހެއްކެއް ކަމަށްވާ ޒިޔާތުގެ ހެކިބަސް ނެގުމަށެވެ.

އެކަމަކު ހެކިބަސް ނަގަން ފެށުމުގެ ކުރިން އެ މައްސަލައިގައި ދައުވާ ރައްދުވާ ދެވަނަ ފަރާތް ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ގާނޫނީ ވަކީލު ހަމްޒާ ލަތީފް ވަނީ ޒިޔާތުގެ ހެކިބަސް އެކަނި މިއަދު ނެގުމަށް އިއުތިރާޒު ކުރައްވާފައެވެ. ސަބަބެއްގެ ގޮތުގައި ހަމްޒާ ވިދާޅުވީ އަދީބު އާއި ޒިޔާތު އަކީ އެއް ކަމަކާ ގުޅޭގޮތުން ހެކިބަސް ދޭ ދެފަރާތްކަމަށް ވާއިރު، އެދެބޭފުޅުންގެ ހެކިބަސް ދެ ތާރީހެއްގައި ނަގައިފިނަމަ، އެއް ހެކިވެރިޔާ ބުނާ ބަސް އަނެއް ހެކިވެރިޔާ ބެލުމަށްފަހު، އެ ހެކިވެރިއެއްގެ ބަސް ފަރުމާ ކުރުމަށް ފުރުސަތު ހުޅުވިގެންދާ ކަމެވެ. ހަމްޒާ ވިދާޅުވިގޮތުގައި އިނގިރޭސި ވިލާތާއި އެމެރިކާ ފަދަ ގައުމުތަކުގައިވެސް ހެއްކާ ބެހޭ އުސޫލު ކަނޑައަޅާފައިވަނީ އެފަދަ ކަންކަން މެދުވެރިވެދާނެ ސަބަބުތައް ދިރާސާކުރުމަށްފަހުގައެވެ.

”އަދީބަށް ނުފެންނާނެގޮތަށް ޒިޔާތުއް ހެކިބަސް ދެވޭނެ މަގެއް މި ޝަރީއަތުގައެއް ނެތް. އެއީ ގާތްގުޅުމެއް އޮތް އަދި މުވާސަލާތުވެސް ކުރެވޭ ދެ ފަރާތް. ހެކިބަސް ދިނުމުގައި އެ ދެފަރާތް ގުޅިގެން ކޮލޫޑު ކުރުމުގެ ފުރުސަތުން އެއްކިބާވެވޭނެ ހަމައެކަނި ގޮތަކީ ދެމީހުން އެއް ދުވަހެއްގައި ކޯޓަށް ހާޒިރުކޮށް، އެކަކު ހެކިބަސްދޭއިރު، އަނެކަކު ކޯޓުގެ ވަކި ކޮޓަރިއެއްގައި ބަންދު ކުރުން.“ ހަމްޒާ ވިދާޅުވިއެވެ.

ހަމްޒާގެ މިވާހަތަކަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ތާއިދު ކުރުމުން ގާޒީ އަހުމަދު ޝަކީލު ވަނީ ދައުލަތުން އެކަމާމެދު ދެކެނީ ކޮން ގޮތެއްތޯ ސުވާލު ކުރައްވާފައެވެ. އަދި ދައުލަތުން އެކަމަށް އިއުތިރާޒު ނުކުރުމުން މިމަހުގެ 30 ވަނަ ދުވަހު އަދީބު އާއި ޒިޔާތުގެ ހެކިބަސް އެއްކޮށް ނެގުމަށް ޝަރީއަތުން ވަނީ ނިންމަވާފައެވެ. އެދުވަހުގެ އަޑުއެހުން އޮންނާނީ ހެނދުނު 09:30 ގައެވެ. އަދި މެންދުރު ދަންފަޅި ހިމެނޭގޮތަށް އެ އަދީބު އާއި ޒިޔާތުގެ ހެކިބަސް އެއްކޮށް ނަގާ ނިންމަވާނެ ކަމުގައި ގާޒީ ޝަކީލު ވިދާޅުވިއެވެ.

އެމްބަސީ މެދުވެރިކޮށް ނަގާ ދެ ހެކީންގެ ހެކިބަސް މިމަހުގެ 18 އަދި 23 ވަނަ ދުވަހުގެ 13:30 ގައި އޮންނާކަން އިއުލާން ކުރައްވަމުން ޝަރީއަތުން ވަނީ މިއަދުގެ އަޑުއެހުން ނިންމާލާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button