ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި އަހުމަދު ނާޒިމް ހަތުރަކަށްވީ މަޖިލީހުގެ ރައީސްކަން ހޯދަދޭން ނޫޅުއްވުމުން ކަމުގައި އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ ވ.އާރަށު މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އެމަނިކުފާނުގެ ކެމްޕެއިންގެ ދަރަނި ދައްކަން އޭރުގެ ނައިބް ރައީސް އަހުމަދު އަދީބު މެދުވެރިކޮށް އެމްޕީއެލުން ފައިސާ ނެންގެވިކަމަށް ނާޒިމް ވިދާޅުވަނީ އަސްލެއް ނެތް ވާހަކަތަކެއް ކަމުގައެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި އެއީ ނާޒިމަށް މަޖިލިސް ރައީސްކަން ހޯއްދަވައިދެއްވަން މަސައްކަތް ނުކުރެއްވުމުން ބަދަލު ހިފުމުގެ ގޮތުން ދައްކަވާ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމުގައެވެ. އަދި ކެމްޕެއިންގެ އެއްވެސް ދަރަންޏެއް ނޯންނާނަކަމުގެ ޔަގީންކަން ޔާމީން ދެއްވިއެވެ.
”އެއީ ހަމަ ސީދާ ބުހުތާން. އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ފިރިމީހާގެ އިމާރާތެއްގައި ކުރި ކެމްޕެއިންގެ ހުރިހާ ހަރަދެއް ހިފީ ޅިޔަނު. ދެން ކޮން ދަރަންޏެއްތޯ.“ ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ފާހަގަކުރެއްވިގޮތުގައި ޝަރީއަތުން ފުރުސަތު ދިންނަމަ އެމަނިކުފާނުގެ ފަރާތްޕުޅުންވެސް ނާޒިމާ ކުރަން ބޭނުންވާ ސުވާލުތައް ކޮށް ގިނަ ކަންކަން ހާމަވެގެން ދާނެ ކަމުގައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގިގޮތް ނާޒިމަށް އެނގި ނުލައްވާ ކަމަށާއި، އެކަން ރޭވިގޮތްވެސް ނޭނގޭއިރު އެވަރުގެ ބޮޑު އިލްޒާމެއް ޔާމީންގެ އިސްތަށިފުޅުގައި ނާޒިމް އެޅުވުމުން އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.