ޚަބަރުސިޔާސީ

އާރަށު މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ

ވ.އާރަށް ކުއްޔަށް ދިނުމުގައި ހިންގި މުއާމަލާތާ ގުޅޭ މައްސަލައިގެ އަޑުއެހުމަކަށް މާދަމާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކޯޓަށް ގެންދަން ނިންމައިފިއެވެ.

“ބޮންތި” އަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމިންގެ ވަކީލުންގެ ޓީމުން ވިދާޅުވީ އެ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 09:30 ގައި ކަމުގައެވެ. ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައިވެސް މާދަމާގެ އަޑުއެހުން ވަީ ތާވަލުކޮށްފައެވެ.

އެ މައްސަލައަކީ ރައީސް ޔާމީން ރިޝްވަތު ނެންގެވި ކަމަށާއި، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައެކެވެ. މިމަހުގެ 4 ވަނަ ދުވަހުގައި ބޭއްވި އަޑުއެހުމެކޭ އެއްގޮތަށް މާދަމާގެ އަޑުއެހުމުގައިވެސް އޮންނާނީ ހެކިބަސް ނެގުމެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެގެން ރައީސް ޔާމީނަށް އެއް މިލިއަން ރުފިޔާ ދިން ކަމަށާއި، އަދީބު ފައިސާ ހޯދަނީ ވިޔަފާރިވެރިންގެ އަތުން ކަމުގައި އަދީބުގެ އަރިސް މީހެއް ކަމުގައިވާ މުހައްމަދު ހުސެއިން (އޮއިއްޓެ) ވަނީ ބުނެފައެވެ.

އަދީބު ބުނެގެން 2013 ވަނަ އަހަރު ރައީސް ޔާމީނާ އެއް މިލިއަން ރުފިޔާ ހަވާލު ކުރި ކަމަށާއި، އެކަން ކުރީ ރައީސް ޔާމީންގެ ނަންބަރު އަދީބު ދިނުމުން, ޔާމީން އޭރު ދިރިއުޅުއްވަމުން ގެންދެވި ގ.ދޫވެހި ގެޔަށް ގޮސްފައި ކަމުގައެވެ.

“ފުރަތަމަ ދިނީ އެއް ލައްކަ. ދެން ރައީސްގެ މޫނުން ނުތަނަވަސްކަން ހާމަވުމުން އަދީބަށް ގުޅުމުން ބުނީ އެއްކޮށް ހަވާލު ކުރުމަށް.” އޮއިއްޓެ ބުންޏެވެ.

އެހާ ގިނަ އަދަދެއްގެ ފައިސާ އަދީބު ހޯދަނީ ކިހިނެއްތޯ ދައުލަތުން ސުވާލު ކުރުމުން އޮއިއްޓެ ބުނީ އެއީ ވިޔަފާރިވެރިން އަދީބަށް ދޭ ފައިސާ ކަމަށާއި، ގިނަ ފަހަރާ ފައިސާ ބަލާ ވިޔަފާރިވެރިން ކައިރިޔަށް ދަނީވެސް އޭނާ ކަމުގައެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ދިފާއީ ވަކީލުން ވަނީ ދައުލަތުން ހުށަހެޅި ހެކިވެރިޔާ ކަމުގައިވާ އޮއިއްޓެ ދައްކާ ވާހަކަތަކާއި އާރަށް ވިއްކާލުމަށް ހިންގި މުއާމަލާތާ ގުޅެނީ ކިހިނެއްކަން ސާބިތު ކޮށްދިނުމަށް ދައުލަތާ ޗެލެންޖު ކުރައްވާފައެވެ. އަދި އޮއިއްޓެގެ ވާހަކަތަކާއި ގުޅިގެން ރައީސް ޔާމީންވެސް ވަނީ އާރަށު ޗެކެއްގެ މައްސަލައެއް ނަގުދު ފައިސާއަށް ބަދަލުވީތޯ ސުވާލު ކުރައްވާފައެވެ.

ހެކިވެރިޔާއަށް އަދީބު ސީދާ ދެއްވާ މުސާރަ ނޭނގޭ ކަމާއި، މުސާރައިގެ އިތުރުންވެސް އެދޭ ކަމެއް އަދީބު ކޮށްދެއްވާ ކަމާއި، ފައިސާ ހޯދަނީ ވިޔަފާރިވެރިންގެ އަތުންކަން ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކީލު އާދަމް ޝަމީމް ސުވާލު ކުރެއްވުމުންވެސް އޮއިއްޓެ ވަނީ ކިޔައިދީފައެވެ. ދިފާއުން ޝަރީއަތުގެ މަޖިލީހުގައި ވަނީ އާރަށު މައްސަލައިގެ މުއާމަލަތާ ދައުލަތުން ހުށަހެޅި ހެއްކާ ގުޅުމެއް ނެތް ކަން ފާހަގަކޮށްފައެވެ.

އާރަށު މައްސަލައާއި ގުޅުމެއް ނެތް ނަމަވެސް އޮއިއްޓެގެ ވާހަކައިން ހާމަވި ދެވަނަ ކަމަކީ ރައީސް ޔާމީނަށް ދިން ކަމަށް ބުނާ ފައިސާއަކީ އެކި އެކި ވިޔަފާރިވެރިން ޕާޓީގެ ކެމްޕެއިންތަކަށް ކޮންޓްރިބިއުޓް ކުރާ ފައިސާ ކަމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button