ޚަބަރުސިޔާސީ

ރައީސް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައިފިއެވެ.

ރައީސް އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށާއި މުމްބާއީއަށް ޒިޔާރަތްކުރައްވާފައެވެ.

ރައީސް މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންފައިވަނީ ނިއުދިއްލީއަށެވެ. ނިއުދިއްލީގައި އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދު މީގެ ކުރިން އަދި މިހާރު ވެފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުންނާއި ދެޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި އަދި ކުރިމަގުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ގުޅުންބަދަހި ކުރުމާގުޅޭ ތަފާތު 6 އެއްބަސްވުމެއް ބަދަލުކުރެވުނެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި، ތަމްރީނާއި ޤާބިލުކަން އިތުރުކުރުމާއި ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ފައިނޭންސް ކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ. މި ދަތުރުފުޅުގައި ރައީސް އިންޑިއާގެ ބޮޑުވަޒީރު ވަނީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވާފައެވެ. ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢުގެ ތެރޭގައި ހިމެނެނީ، މާލެ އާއި ވިިލިމާލެ، ވިލިމާލެ އާއި ގުޅީފަޅު، އަދި ގުޅީފަޅާއި ތިލަފުށި ބްރިޖްތަކަކުން ގުޅާލުމާއި، މިބްރިޖްތަކާއި ގުޅޭ، މަގުތައް ހެދުމެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.

ރައީސް ވަނީ، އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް މީގެ ކުރިން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓަށް އިތުރު 100 މިލިއަން ޑޮލަރު ލިބޭނެ މަގު ފަހިކޮށްދެއްވާފައިވާތީ އެކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މީގެ އިތުރުން މާލެ ސަރަޙައްދުގައި ތަރައްޤީކުރުމަށް ނިންމާފައިވާ 4000 ހައުސިންގ ޔުނިޓްގެ އިތުރުން، އިތުރު 2000 ސޯޝަލް ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް އެގްޒިމް ބޭންކުން ފައިނޭންސް ހަމަޖައްސަވާފައިވާތީ އެކަންވެސް ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ދިވެހި ސިފައިންގެ ޢުމްރާނީ ވަޞީލަތްތަކާއި، އުޅަނދުފަހަރާއި، އާލާތްތައް ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުން ދޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު ދެ ބޭފުޅުން ވަނީ މީޑިޔާއާ ބައްދަލުކުރައްވައި ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ. ގުޅިފައިވާ ބަޔާން ދެއްވަމުން ރައީސުލްޖުމްހޫރިއްޔާއާ އިންޑިއާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި މި ސަރަޙައްދުގެ ޞުލްޙައާއި ތަރައްޤީއަށް ދެޤައުމުންވެސް ގެންގުޅޭ ތަޞައްވުރު އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. ޖޮއިންޓް ސްޓޭޓްމަންޓަށްފަހު ރައީސް ވަނީ އެމަނިކުފާނުގެ ޝަރަފުގައި އިންޑިއާގެ ބޮޑުވަޒީރު ދެއްވި ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ އިންޑިއާގެ ރައީސްގެ ރަސްމީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ. އިންޑިއާގެ ރައީސްއާ ބައްދަލުކުރައްވައި ރައީސް ވަނީ އިންޑިއާގެ ރައީސްގެ މަޤާމަށް އެކަމަނާ ވަޑައިގެންނެވުމާ ގުޅިގެން މަރުހަބާ ވިދާޅުވެފައެވެ. އަދި އެކަމަނާގެ ދައުރުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ. މި ދަތުރުފުޅުގައި ރައީސް އަރިހަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަން ޖަޔަޝަންކަރު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވެއެވެ.

މި ދަތުރުފުޅުގައި ނިއުދިއްލީއަށްފަހު ރައީސް ވަޑައިގެންނެވީ މުމްބާއީ އަށެވެ. ރައީސް އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން މުމްބާއީއަށް ވަޑައިގެންނެވުމުން، މަރުޙަބާ ދަންނަވައި، މަހާރަޝްތުރާގެ ގަވަރުނަރު ޝްރީ ބަގަތު ސިންގް ކޮޝަޔާރީ ވަނީ ރައީސަށް މެންދުރުގެ ޚާއްޞަ ފަރިއްކޮޅެއް ދެއްވާފައެވެ. މި ފަރިއްކޮޅުގައި، ރައީސުލްޖުމްހޫރިއްޔާ އާއި މަހާރާޝްތްރާގެ ގަވަރުނަރު ވަނީ، ދެޤައުމުގެ މަސްލަޙަތު އޮތް މުހިންމު މައުޟޫޢުތަކުގައި ވާހަކަފުޅު ދައްކަވައި ކުރިމަގުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިންޑިއާގެ ނިއުދިއްލީއާއި މުމްބާއީގައި ބޭއްވި އިންޑިއާ – މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން ނިއުދިއްލީގައި ބޭއްވި ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އިންޑިއާގެ ވިޔަފާރިވެރިން، ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކުގެ ބޭނުންހިފައި ރާއްޖޭގައި އިންވެސްޓްކުރުމަށް ދަޢުވަތުދެއްވާފައެވެ.

ރައީސް ވަނީ ބޮމްބޭ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވައި އެތަނުގެ ބޯޑު މެންބަރުންނާއި މެނޭޖްމަންޓް ސްޓާފުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާތަކުގައި ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގެ ފަރާތުން ވަނީ ރާއްޖޭގެ ސްޓޮކް މާކެޓު ތަރައްޤީކޮށް ކުރިއެރުވުމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ އިންޑިއާގެ ދެވަނައަށް އެންމެބޮޑު ކޮންޓެއިނަރ ހޭންޑްލިންގ ޕޯޓްކަމުގައިވާ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓް (ޖޭ.އެން.ޕީ.ޓީ)އަށް ޒިޔާރަތް ކުރައްވާފައެވެ. މިޒިޔާރަތުގައި، ޖޭ.އެން.ޕީ.ޓީގެ ޗެއަރމަން ސަންޖޭ ސެތީ ވަނީ، ރައީސް އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއެކު ބަނދަރުގެ މުހިންމު ތަންތަނަށް ވަޑައިގެން ބަނދަރުގެ ތާރީޚާއި އެތަނުގައި ހުރި ވަޞީލަތްތަކާއި ބަނދަރުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތުގެ މައުލޫމާތު ޙިއްޞާކުރައްވާފައެވެ.

މި ދަތުރުފުޅުގައި އިންޑިއާއި ރާއްޖޭއާއި ދެމެދުވަނީ ވަނީ ގިނަ އެއްބަސްވުން ތަކެއްވެ، ގިނަ އަދަދެއްގެ ލޯނު ވެސް ދީފައެވެ.

ރައީސް އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button