ޚަބަރު

ތިލަމާލެ ބުރިޖުގެ ބިންގާ އިންޑިއާގައި އަޅައިފި

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅާލުމަށް ހަދާ ”ތިލަމާލެ ބްރިޖު“ގެ ބިންގާ އިންޑިއާގައި އަޅައި، އަމަލީ މަަސައްކަތް ރާއްޖޭގައި ފަށައިފިއެވެ.

ގުރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖްގެ ފުރަތަމަ ތަނބުގެ ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށުމަށް، ދިއްލީ އާއި މާލޭގައި އެއްވަގުތެގައި ވަނީ ދެ ރަސްމިއްޔާތު ބާއްވާފައެވެ. އަދި ދިއްލީއަށް މާލޭގެ މަންޒަރުތައް ވަގުތުން ފޮނުވާފައި ވެއެވެ.

ބުރިޖުގެ މަސައްކަތް ފައްޓަވާ ދެއްވީ އެކަމަށްޓަކައި އިންޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އަދި ބުރިޖުގެ ތަނބުތައް އެޅުމުގެ މަސައްކަތް މިއަދު ވަނީ މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ފަށާފައެވެ.

ތިލަމާލެ ބްރިޖު އެޅުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ހައިދަރު އާބާދު ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ، މޯލްޑިވްސް-އިންޑިއާ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކުރަމުން ގެންދާ މަސައްކަތްތައް ގޮސްފައިވާ ހިސާބާއި ގުޅޭ ވީޑިއޯއެއްވެސް ދައްކާފައެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގަމުންދާ 4000 ހައުސިންގ ޔުނިޓްއެޅުމުގެ މަޝްރޫޢުގެ މައުލޫމާތުވެސް އެވީޑިއޯގައި ހިމަނާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button