ޚަބަރު

ތަޖުރިބާއަށް މަޖިލީހުގެ ވަފުދެއް އިންޑިއާއަށް

ރައްޔިތުންގެ މަޖްލީހުގެ 10 މުވައްޒަފަކު ތަޖުރިބާ ހޯއްދެވުމަށް އިންޑިއާގެ ނިއުދިއްލީއަށް ފުރާވަޑައިގެންފިއެވެ.

މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖްލީހުގެ އިދާރާއިން މައުލުމާތު ދީފައިވާ ގޮތުގައި, ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 10 ބޭފުޅުން ހިމެނޭ ވަފްދެއް ރޭގެވަގުތެއްގައި ވަނީ އިންޑިއާގެ ނިއުދިއްލީއަށް ފުރާވަޑައިގެންފައެވެ. މިއީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް ލޯކް ސަބާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން, ތަޖުރިބާ ބަދަލުކޮށް ދެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތް ދެނެގަނެ، މަޢުލޫމާތު ހޯދުމުގެ ގޮތުން ކުރާ ދަތުރެއް ކަމަށް އެއިދާރާއިން މައުލޫމާތުދީފައިވެއެވެ.

މި ދަތުރުގައި ބައިވެރިވަޑައިގަންނަވަނީ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރައްވާ ޕާލަމެންޓަރީ ސާރވިސްގެ 10 ބޭފުޅުންނެވެ. އޭގެ ތެރޭގައި އެކި ސެކްޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ހިމެނެއެވެ. އޯގަސްޓް 1 އިން 6 އަށް މަޖިލީހުގެ ވަފްދުން ނިއުދިއްލީއަށް ކުރާ ދަތުރުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވައި, މަސައްކަތް ކުރާގޮތް ބައްލަވާ ލައްވައި, މައުލޫމާތު ހޯއްދަވާނެކަމަށްވެސް މަޖްލީހުގެ އިދރާއިން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

މިއީ 2019 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން އިންޑިއާއަށް ދަތުރުކުރާ 2 ވަނަ ވަފްދެވެ. ފުރަތަމަ ވަފްދު ނިއުދިއްލީއަށް ވަޑައިގަތީ 2020 ވަނަ އަހަރުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button