ޚަބަރު

ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލާގައި 3 މީހަކަށް ދައުވާ ކޮށްފި

ނޫސްވެރިޔާ އަހްމަދު ރިޟްވާން ރަހީނުކޮށް މަރާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރައި މަރާލި މައްސަލާގެ ތުހުމަތުގައި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

އެ މައްސަލާގައި ދައުވާކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ހައްޔަރުކުރި އަހުމަދު މުއާޒް (ގަޓު މުއާ) އާއި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަދި އަހުމަދު އިސްމާއިލް (އަހަނދު) އަށެވެ.

އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަށް ދެ ދައުވާއެއް ކޮށްފަވެއެވެ. އޭނާގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ އަމަލެއްކުރުމަށް އެހީތެރިވެދިނުމުގެ ދައުވާ އުފުލައިފަ އެވެ. މި ދައުވާ އޭނާގެ މައްޗަށް ކުރީ ޕީޖީ އޮފީހުން ބުނިގޮތުގައި ރިޟްވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ގައި އޭނާއަށް ފާރަލައި ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާތީ އެވެ. މީގެ އިތުރުން ޔާމީން ރަޝީދުގެ ބްލޮގާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނާ ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓްކުރަމުންދާ ކަމަށް ބުނެ އޭނާ މަރާލުމަށްޓަކައި 2017 ގައި ފާރަލައި އެހީތެރިވެދީފައިވެ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އެވެ.

އަހްމަދު އިސްމާއިލް (އަހަނދު) މައްޗަށް ދައުލަތުން ދައުވާ އުފުލީި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 2 ގެ (ހ) އާއި، (ށ) އާއި، (ކ)އާއި، އެ ގާނޫނުގެ 3 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.

އަހްމަދު އިސްމާއިލް 39، ގެ މައްޗަށް އެ ދައުވާ އޭނާގެ މައްޗަށް އުފުލީ ޕީޖީ އޮފީހުން ބުނި ގޮތުގައި ރިލްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީ އާއި އޭނާ އާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، ރިލްވާން ރަހީނުކޮށް މަރާލާފައިވާތީ އެވެ.

ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި އޭނާއަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް، އެކަން ކުރުމަށް އެހީތެރިވެދީފައިވާތީ ޓެރަރިޒަމްގެ އަމަލެއް ކުރަން އެހީތެރިވެދީފައިވާ ކަމުގެ ދައުވާ ވެސް އުފުލަން ކޯޓަށް ހުށަހަޅާފައިވެ އެވެ.

އަހުމަދު މުއާޒް (ގަޓު މުއާ) މައްޗަށް ދައުލަތުން ދައުވާ އުފުލީި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 2 ގެ (ހ) އާއި، (ށ) އާއި، (ކ) އާއި، އެ ގާނޫނުގެ 3 ވަނަ މާއްދާއާ ހަވާލާދީ، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.

އެ ތިން މީހުންނަށްވެސް ދައުވާ ކުރީ މަރު ކޮމިޝަނުން ތަހުގީގުކޮށް ހުށަހެޅި މައްސަލަތަކުގައި ކަމަށްވާއިރު އެ މައްސަލަ ތަހުގީގުކުރުމަށްފަހު އެ ކޮމިޝަނުން ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 24 ވަނަދުވަހުއެވެ.

ރިޟްވާން ރަހީންކޮށް ގެއްލުވާލުމުގެ ކުށުގައި ދައުލަތުން މީގެކުރިން ދައުވާ އުފުލީ ގ. ހިލްޓަން، އާލިފް ރައޫފާއި، ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ނަމަވެސް އެމީހުންގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވެފައި ނުވެއެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން މި ތިން މީހުންގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ކްރިމިނަލް ކޯޓަށް މިހާރުވަނީ ހުށައަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button