ޚަބަރުސިޔާސީ

ރައީސް ނަޝީދާއި އިވާ މަގާމުން ވަކިކުރަން ގޮވާލާ ޕެޓިޝަނުގައި 1500 އަށްވުރެ ގިނަ މީހުންގެ ސޮއި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި މަޖިލީހުގެ ނައިބް ރައީސް އީވާ މަގާމުން ވަކުރުމަށް ގޮވާލައި 1500 އަށްވުރެ ގިނަ މީހުން ޕެޓިޝަނެއްގައި ސޮއި ކޮށްފިއެވެ.

ރައީސް ނަޝީދާއި އީވާ މަގާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕިގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ފެކްޝަނުން ފަށާފައިވަނީ ދާދިފުން ލީކުވެފައިވާ ލިވާތު ވީޑިއޯތަކާއި ގުޅިގެން ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރުމުން, އެކަމާމެދު ރައީސް ނަޝީދު އިންތިހާއަށް ނުރުހުން ފާޅުކޮށް, ރައީސް ސާލިޙުގެ ބޮލުގައި ޒިނޭ ކުރުމާއި ބަންގުރާ ބުއިމުގެ ތުހުމަތު އެޅުވުމާއި ގުޅިގެންނެވެ.

މީގެ އިތުރުން މަޖިލީހުގެ ނައިބް ރައީސް އީވާ ވަނީ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ތާއީދުކުރައްވައި, ރައީސް ސާލިހަށާއި, އެމްޑީޕީގެ ރައީސް ސާލިހް ފެކްޝަންގެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި މައްސަލައިގައި އެމްޑީޕީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ވަނީ ރައީސް ނަޝިދާއި ނައިބް ރައީސް އީވާ މަގާމަށް ކުފޫހަމަނުވާކަމަށް ވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީގެ އަންހެނުންގެ ގޮފީގެ ރައީސް އަދި އައްޑޫ މީދު ދާއިރާގެ މެންބަރު ރޮޒައިނާ ވަނީ ރައީސް ނަޝީދަކީ އިސްލާމީ ގައުމެއްގެ މަޖްލީހުގެ ރައީސްގެ މަގާމުގައި ހުންނަވަން އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދާއި އީވާ މަގާމުން ވަކިކުރުމަށް ގޮވާލާ މި ޕެޓިޝަންގައި ސޮއިކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. މި ޕެޓިޝަންގައި ބުނެފައިވަނީ, ރާއްޖޭގެ އިޖްތިމާއީ އަދި އިސްލާމީ އުސޫލުތަކަށް ރައީސް ނަޝީދު ފުރައްސާރަ ކުރަައްވަމުން ގެންދަވާ ކަމަށާއި, އަދި އިސްލާމް ދީނާ ހިލާފު ކަންކަން ދިފާއު ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެންކަމުން މި ސަބަބުތަކާހުރެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ރައީސް ނަޝީދު އާއި އީވާ ވަކި ކުރަން ޖެހޭ ކަމަށް މި ޕެޓިޝަންގައި ބުނެފައިވެއެވެ.

ރައީސް ސޯލިހު އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށް އެމްޑީޕީގެ މެމްބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ސޯލިހް އަންހެން ކުއްޖަކާ އެކީގައި ބަދު އަހުލާގީ އަމަލު ހިންގި ވާހަކައަކީ ދޮގެއް ކަމަށެވެ. މިކަމާ ގުޅިގެން ރައީސް ސާލިހްގެ ސީދާ ބަސްފުޅެއް މިހާތަނަކަށް ލިބިފައެއް ނުވެއެވެ.

މި މައްސަލައާއި ގުޅިގެން އެމްޑިޕީގެ ރައީސް ނަޝީދު ފެކްޝަނާއި ރައީސް ސާލިޙް ފެކްޝަންގެ ދެމެދުގައި ހުޅުގަނޑު ފަޅައިގެން ގޮސްފައިވާއިރު, ރައީސް ނަޝީދު ވަނީ ވެރިކަން ވައްޓާލާނެކަމުގެ އިންޒާރުވެސް ނުސީދާކޮށް ދެއްވާފައެވެ. މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރަން އެމްޑީޕީގެ ބައެއް މެމްބަރުން ބޭނުންވާ ނަމަވެސް، މަޖިލިސް އޮތީ ޗުއްޓީގައެވެ. މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button