ޚަބަރުސިޔާސީ

ތާއީދު ނެތްކަން ހާމަވުމުން ކޮއްކޮއަށް އިންސާފޭ ކިޔައި ވެރިކަން ފުރޮޅާލަން މަސައްކަތް ފަށައިފި: މާއިލް

ރައްޔިތުންގެ މަޖްލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ތާއީދު ނެތްކަން ހާމަވުމުން ކޮއްކޮއަށް އިންސާފުހޯދުން ކަމަށް ބުނެ, ވެރިކަން ފުރޮޅައިލުމުގެ މަސައްކަތް ފަށައިފި ކަމަށް ޕީޕީއެމްގެ ސެނެޓަރ ހަސަން މާއިލް އަލީ ވިދާޅުވެއްޖެއެވެ.

މާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, އިންތިހާބަށް ބާކީ އޮތީ އަހަރެއްހާ ދުވަސްކަން ބަޔަކު ހަނދާންވާން ފަށައިފި ކަމަށާއި, ދީނީ ވާހަކަތަކާއި, ވަތަނީ ވާހަކަތައް އިތުރުވާން ފަށައިފި ކަމަށެވެ. އަދި ފާޅުގައި ބައިއަތު ހިފައިގެން ތިބި މީހުނާއި, ސިއްރިއްޔާތުގައި ޕްރޮޖެކްޓުތަކުގެ ޒަރިއްޔާއިން ބައިއަތު ހިފާފައި ތިބި މީހުން އިންތިހާބާ ދިމާކޮށް ތެދުވަން ފަށައިފިކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދަށް އަމާޒުކޮށް މާއިލް ވިދާޅުވީ, އެމަނިކުފާނަށް ތާއީދު ނެތްކަން ހާމަވުމުން ކޮއްކޮއަށް އިންސާފު ހޯދުން ކަމަށް ބުނެ, ވެރިކަން ފުރޮޅައިލުމުގެ މަސައްކަތް ފަށައިފި ކަމަށެވެ. އަދި މިއަދު ދީނީ އިލްމުވެރިން ކަމަށް ބުނެ ދީން ނިވާފަތްގަނޑަކަށް ހަދައިގެން ތިބި ބަޔަކު ފަތުވާ ނެރެން ފަށައިފި ކަމަށެވެ.

”ގައުމޭ, ވަަތަނޭ, ރިޓަޔަރޑްއޭ ކިޔައިގެން ތިބި ބަޔަކު ގައުމަށްޓަކައި އޭކިޔައި މޮޅު ބަސް ބުނަން ފަށައިފި.“ މާއިލް ވިދާޅުވިއެވެ.

ހަމަ އެހެންމެ ސެނެޓަރު ވިދާޅުވީ ދިވެހިން ހައްދާލަން މިވެރިން މި މަސައްކަތްކުރަނީ 2023 ކައިރިވާތީ ކަން ދިވެހިންނަށް މިއަދު ވިސްނޭ ކަމަށާއި, އެހެން ނަމަވެސް ދީނާއި ގައުމުގެ ދިފާއުގައި ވަކާލާތުކުރަނީ ރައީސް ޔާމީން ގިނިކަންޏާކަން ދިވެހިން ދަނޭ ކަމަށެވެ. މާއިލް ވިދާޅުވީ މާތް ރަސްކަލާނގެ އިރާދަފުޅާއެކު 2023 ރައީސް ޔާމީނަށް ޔަގީން ކަމަށެވެ.

ސަރުކާރުގެ އިސްބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވެ މާއިލް މި ޓްވީޓު ކުރެއްވިއިރު, ސަރުކާރުގެ އެތެރެ ކޮއިލުގައި ވަނީ ހުޅުފަޅައިގެން ގޮސްފައެވެ. މަޖްލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވާފައިވާއިރު, އެމްޑީޕީތެރެއާއި މުޅި ސަރުކާރުގައި ވަނީ ބޮޑެތި ބައިބައިވުންތަކެއް އުފެދިފައެވެ. ސަރުކާރު ހިންގާ ޕާޓީގައި ކަންމިހެން ހުރި ނަމަވެސް އިދިކޮޅު ޕީޕީއެމުން ދަނީ ހަލުވި ކަމާއެކު 2023 ގެ އިންތިހާބަށް ތައްޔާރުވަމުންނެވެ. އަދި ރޭގެ ވަގުތެއްގައި އެޕާޓީގެ ސެނެޓުން ރަސްމީކޮށް ރައީސް ޔާމީނަށް ވަނީ 2023 ގެ ރިޔާސީ ޓިކެޓު އަރުވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button