ޚަބަރުސިޔާސީ

އާރަށު މައްސަލައިގެ އިތުރު އަޑު އެހުމަކަށް ރައީސް ޔާމީން މާދަމާ ކޯޓަށް ގެންދަނީ

ވ.އާރަށް ކުއްޔަށް ދިނުމުގައި ހިންގި މުއާމަލާތާ ގުޅޭ މައްސަލައިގެ އަޑުއެހުމަކަށް މާދަމާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކޯޓަށް ގެންދަން ނިންމައިފިއެވެ.

”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމިންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ އެ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 09:30 ގައި ކަމުގައެވެ. އެ މައްސަލައަކީ ރައީސް ޔާމީން ރިޝްވަތު ނެންގެވި ކަމަށާއި، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައެކެވެ.

މި މައްސަލައިގައި ޖޫން 30 ގައި ބޭއްވި އަޑުއެހުމެކޭ އެއްގޮތަށް މާދަމާގެ އަޑުއެހުމުގައިވެސް އޮންނާނީ ހެކިބަސް ނެގުމެވެ.

އާރަށް ކުއްޔަށް ދިނުމުގައި ހިންގި މުއާމަލާތާ ގުޅޭ އެއްވެސް މައުލޫމާތެއް ދައުލަތުގެ ހެއްކަށް ނޭނގޭކަން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ހާމަވެފައެވެ. ދައުލަތުގެ ފަރާތުން ޖޫން 30 ގައި ހެއްކެއްގެ ގޮތުގައި ހާޒިރު ކުރީ ޓުއަރިޒަމް މިނިސްޓްރީގެ ކުރީގެ ލީގަލް ހެޑް ފަސީހު ޒާހިރެެވެ. އަދި އާރަށް ކުއްޔަށް ދިނުމުގައި ސައްހަ ނޫން މުއާމަލާތް ހިންގިކަން ސާބިތު ކޮށްދިނުމަށް ދައުލަތުގެ ފަރާތުން ހެކިވެރިޔާ އާއި ކުރި ސުވާލުތަކާ ގުޅިގެން އޭނާ ވަނީ ބައެއް ކަންކަން ހާމަކޮށްފައެވެ. އެގޮތުން ރަށެއް ކުއްޔަށް ދޫކުރާނަމަ، މިނިސްޓްރީއިން އެރަށެއް ކުއްޔަށް ދިނުމަށް އެދި ނިންމައި އެކަމުގެ ހުއްދައައަށް ރައީސް އޮފީހަށް ސިޓީއެއް ފޮނުވާކަން އޭނާ ފާހަގަކުރިއެވެ. އަދި ރަށެއް މީހަކަށް ދެވެނީ މިނިސްޓްރީގެ ދަފްތަރުގައި އެ ރަށް ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ނިންމުމުން ކަމަށް އޭނާ ބުންޏެވެ.

ހެކިވެރިޔާގެ މި ވާހަކަތަކާ ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކީލު އާދަމް ޝަމީމް ވަނީ އޭނާ އާއި ގިނަ ސުވާލުތަކެއް ކުރައްވާފައެވެ.

އެގޮތުން ވ.އާރަށް ކުއްޔަށް ދިނުމުގައި ޓުއަރިޒަމް މިނިސްޓްރީއިން ރައީސް އޮފީހަށް ފޮނުވި ސިޓީއެއް ދުށިންތޯ ވަކީލު ޝަމީމް ހެކިވެރިޔާ އާއި ކުރި ސުވާލުގެ ޖަވާބުގައި އޭނާ ބުނީ އެރަށް ކުއްޔަށް ދިން އިރު އޭނާ ހުރީ ޗުއްޓީގައި ކަމުގައެވެ. އެފަދަ އެއްވެސް ކަމެއް ނޭނގޭކަމަށް ހެކިވެރިޔާ ބުންޏެވެ.

ދެވަނަ ސުވާލެއްގެ ގޮތުގައި ޝަމީމް ކުރެއްވީ އާރަށް މިނިސްޓްރީގެ ދަފްތަރުގައި ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ގަރާރެއް ދުށިންތޯ އެވެ. ޖަވާބުގައި ހެކިވެރިޔާ ބުނީ ގަރާރެކޭ ބުނެ އެގޮތަށް މާނަކުރީ ރަށެއް ދަފްތަރުގައި ހިމެނުމަށް ކަނޑައަޅަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވުމާއި، އެކަމަކު އެފަދަ އެއްވެސް ލިޔުމެއް ނުވަތަ ނިންމުމެއް ފެނިފައި ނުވާކަމުގައެވެ. ސަބަބެއްގެ ގޮތުގައި ދެވަނަ ފަހަރަށްވެސް އޭނާ ފާހަގަކުރީ ޗުއްޓީގައި ހުރުމެވެ. ޗުއްޓީގެ ފަހުންވެސް އެފަދަ އެއްވެސް ލިޔެކިޔުމެއް ފެނުނުކަމެއްވެސް ނުވަތަ ނުފެންނަކެމެއްވެސް އޭނާ ނުބުނެއެވެ. އޭނާ ހަނދާނެއް ނެތްކަމަށްވެސް ބުންޏެވެ.

ތިންވަނަ ސުވާލެއްގެ ގޮތުގައި ވަކީލު ޝަމީމް އެއްސެވީ ބައެއް ރަށްރަށް ޓުއަރިޒަމްގެ ދަފްތަރަށް ނުލައި ރައީސުލްޖުމްހޫރިއްޔާ އެ ރަށްތައް ކުއްޔަށް ދޭން ނިންމިކަމަށް ހެކިވެރިޔާ ބުނެފައިވާތީ، އާރަށް ކުއްޔަށް ދިނީ މިނިސްޓްރީގެ ދަފްތަރަށް ލުމުގެ ކުރިންތޯ ނުވަތަ ފަހުންތޯ އެވެ. ހެކިވެރިޔާ ޖަވާބު ދޭން އުޅެނިކޮށް ދައުލަތުން އިއުތިރާޒު ކުރުމަށްފަހު ބުނީ އާރަށާ ގުޅޭ އެއްވެސް މައުލޫމާތެއް ހެކިވެރިޔާއަށް ނޭނގޭކަމަށާއި، ހެކިވެރިޔާ ޗުއްޓީގައި ހުރިކަމަށް އޭނާ ބުނެފައިވާކަމުގައެވެ. އެއާއެކެ ޝަރީއަތުން ވަނީ ހެކިވެރިޔާއަށް ނޭނގޭ މައުލޫމާތެއްގެ ވާހަކަ ބުނާނީ ހެކިވެރިޔާ ކަމަށް ކަނޑައަޅައި ދައުލަތުގެ ވަކީލާ ހުއްޓުވާފައެވެ. އެއަށްފަހު ޝަރީއަތުން ވަކީލު ޝަމީމަށް ފުރުސަތު ދެއްވިއެވެ. އަދި ޝަމީމްގެ ސުވާލު ތަކުރާރު ކުރެއްވުމުން ހެކިވެރިޔާ ބުނީ އޭނާ ދިގު މުއްދަތެއްގައި ޗުއްޓީގައި ހުރުމުން އާރަށާ ގުޅޭ އެއްވެސް ކަމެއް އެނގިފައި ނުވާކަމުގައެވެ.

މީގެ އިތުރުން އާރަށް ކުއްޔަށް ދިނުމުގައި ހިންގި ފައިސާގެ މުއާމަލާތާ ގުޅޭ އެއްވެސް ކަމެއް އެނގިފައި ނުވާ ކަމަށް ހެކިވެރިޔާ ބުނުމުން ދިފާއީ ވަކީލު ޝަމީމް ވަނީ އިތުރަށް ކުރާނެ ސުވާލެއް ނެތް ކަމަށް ވިދާޅުވެ ސުވާލު ކުރުން ހުއްޓާލާފައެވެ. ޝަރީއަތުން ދައުލަތަށް އިތުރު ފުރުސަތެއް ދިނުމުން ދައުލަތުގެ ވަކީލާވެސް ވިދާޅުވީ އިތުރަށް ދެން ކުރާނެ ސުވާލެއް ނެތްކަމުގައެވެ.

 

One Comment

  1. ސޯލިހު ވ ބިރުގަންނާނެ ޔާމިނު މިނިވަންކަން ބަހަންޓަން އެއީ ވެރިކަމަށް ހުންނަދަހިވެތިކަމަކުން ސޯލިހަން ވެރިކަން ނުލިބިދާނެތީ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button