ވޯލްޑް ސިޓީސް ސަމިޓް 2022 ގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެއްޖެ
ވޯލްޑް ސިޓީސް ސަމިޓްގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެއްޖެއެވެ.
މި ފޯރަމުގައި މާލެ ސިޓީ ކައުންސިލް ތަމްސީލު ކުރައްވާފައިވަނީ މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު އާއި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި، ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ، އާއި މައްޗަންގޯޅި އުތުރު ދާއިރާގެ ކައުންސިލަރު ސައީދާ ރަޝާދުގެ އިތުރުން މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އައިޝަތް ނާޒިމާއެވެ.
ވޯލްޑް ސިޓީސް ސަމިޓަކީ އެކި އެކި ގައުމުތަކުގެ ލީޑަރުންނާއި އަދި މާހިރުން، ދުނިޔޭގެ ބޮޑެތި ސިޓީ ތަކުގައި އުޅުމުގައި ދިމާވާ ގޮންޖެހުންތަކަށް، ހައްލުތައް ހޯދައި މަޝްވަރާ ކުރުމަށް 2008 އަކުން ފެށިގެން ކޮންމެ އަހަރަކުވެސް އެތައް ގައުމުތަކުން ބައިވެރިވާ ސަމިޓެކެވެ. މި ސަމިޓް އިންތިޒާމު ކުރަނީ ސިންގަޕޫރުގެ ސެންޓަރ އޮފް ލިވަބަލް ސިޓީސް އަދި އާރބަން ރީޑީވެލޮޕްމަންޓް އޮތޯރިޓީއާއިއެކުއެވެ.
މި ސަމިޓްގައި މާލެ ސިޓީ މޭޔަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މޭޔަރުގެ ވާހަކަފުޅުގައި މާލެ ސިޓީ ޑިޖިޓަލް ސިޓީއަކަށް ހެދުމަށް ސިޓީ ކައުންސިލުން މިހާރު ކުރަމުން ގެންދާ މަސައްކަތަށް ވަނީ އަލި އަޅުއްވާލައްވާފައެވެ. އަދި އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ކައުންސިލުން ދެމުން އަންނަ ގިނަ ޚިދުމަތްތަކެއް ޑިޖިޓަލް ކުރެވިގެންދާނެ ކަމަށާއި، އެކަމުގެ ސަބަބުން ލިބޭނެ ފަސޭހަތަކަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
މި އަހަރުގެ ވޯލްޑް ސިޓީސް ސަމިޓް ޝިއާރަކީ ”ލިވަބަލް އެންޑް ސަސްޓެއިނަބަލް ސިޓީސް: އެމާރޖިންގް ސްޓްރޯންގަރ“ އެވެ. މި ސަމިޓަކީ 31 ޖުލައި އިން ފެށިގެން 2 އޮގަސްޓް ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ ފޯރަމެކެވެ.