ޚަބަރު

ވިލިމާލޭގެ މީހުންނަށް ހާއްސަކޮށްގެން ހަދާފައިވާ ޕާކިން ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާފި

ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަ ކޮށްގެން ހަދާފައިވާ ޕާކިން ޒޯނުގެ ޖާގަތަކަށް ކުރިމަތިލާން މާލޭ ސިޓީ ކައުންސިލުން ރޭ ހުޅުވާލައިފި އެވެ.

މި ޕާކިން ޖާގަތަކަށް ހުޅުވައިލިކަން ސިޓީ ކައުންސިލުން ހާމަ ކޮށްފައިވަނީ ސިޓީ ކައުންސިލުން ކުރި އިއުލާނަކުންނެވެ. އިއުލާނުގައިވާ ގޮތުން މި ހިނގާ އޮގަސްޓު މަހުގެ 16 ވަނަ ދުވަހާއި ހަމައަށް މި ޖާގަތަކަށް ކުރިމަތި ލެވޭނެއެވެ.

ސުނާމީ ބިނާ މައިޒާނުގެ ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ހަދާފައިވާ މި ޕާކިން ޒޯނުގައި ހަތަރު ފުރޮޅުލީ 20 އުޅަނދު ޕާކު ކުރާނެ ޖާގަ ސިޓީ ކައުންސިލުން ވަނީ ހަދާފައެވެ. މި 20 ޖާގަ އަކީ ކުއްޔަށް ދޫކުރާނެ 20 ޖާގައެވެ. މި ޕާކިން ޒޯނުން ޖާގަ ދޫކުރަނީ 350 ކިލޯ އިން ދަށުގެ ޕިކަޕާއި ކާރު އަދި ވޭނުތަކަށެވެ.

ވިލިމާލޭގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ މީހުންގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދު ގެންގުޅޭ މީހުންނަށް 15 ޖާގަ ހާއްސަ ކޮށްފައި ވެ އެވެ. އަދި ބާކީ ފަސް ޖާގަ ދޫކުރަނީ ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާ މީހުންނަށެވެ.

މި ޖާގަތަކަށް ކުރިމަތިލުމަށްޓަކައި އެކަމަށް އެދި ސިޓީއަކާ އެކު، އައިޑީކާޑުގެ ކޮޕީ އާއި ވެހިކަލްގެ ރަޖިސްޓަރީ ކޮޕީ ހުށަހަޅަން ޖެހޭނެއެވެ. ވިލިމާލޭގެ ރަށްވެއްސަކަށް ނުވާ ނަމަ، މި ތަކެތީގެ އިތުރުން، އެ އަވަށުގައި ދިރިއުޅެމުން އަންނަ މީހެއް ކަން އެނގޭނެ ފަދަ ސިޓީއެއް، ގޭގެ ވެރިފަރާތުގެ ނަމުގައި ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަށް ހުށަހަޅަން ޖެހޭނެ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button